ކޮޅުފުށީ ރައްޔިތުންގެ ކަންބޮޑުވުންތައް އެރަށު ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ހިއްސާކުރައްވައިފި އެވެ.

ކޮޅުފުށި ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާބެހޭ މައުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ ރައީސް އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.

މިގޮތުން ކޮޅުފުށި ހިމެނޭ ސަރަހައްދުގައި ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީކޮށްދެއްވައި ރަށުގެ ޒުވާނުންނަށް ރަށާއި ކައިރިން ވަޒީފާ ލިބުމަށް މަގުފަހިކޮށްދެއްވުމަށް މެންބަރުން އެދިވަޑައިގެންނެވި އެވެ. އަދި ރަށަށް ކުރިމަތިވެފައިވާ ގެދޮރުގެ ދަތިކަން ފާހަގަކުރައްވައި އެކަމަށް ހައްލެއް ހޯއްދަވައި ދެއްވުމަށް ކައުންސިލުގެ މެންބަރުން އެދިވަޑައިގެންނެވި އެވެ.

މީގެ އިތުރުން މެންބަރުން ވަނީ ރަށުގެ މަގުތަކުގައި މަގުބައްތި ޖެހުމަށް ކައުންސިލުން ކުރަމުންގެންދާ މަސައްކަތްތަކަށް ހުރި ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވާފަ އެވެ.

މިބައްދަލުވުމުގައި ކައުންސިލުގެ މެންބަރުން ވަނީ ދިއްގަރާއި، މުލަކާއި ކޮޅުފުއްޓަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައި ދެއްވުމަށްވެސް އެދިވަޑައިގެންފަ އެވެ.

މީގެއިތުރުން ނާލާފުށީގެ ބަނދަރު ފުންކޮށްދެއްވުމަށްވެސް މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އެދިވަޑައިގެންފަ އެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކޮޅުފުށި ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރައްވައިގެން އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތް ގާއިމުވެފައި ނެތް ސަރަހައްދު ތަކުގައި ފަތުރުވެރިކަމުގެ ވިޔަފާރި ތަރައްގީކުރުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކޮށްދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.