މާލޭގެ އުތުރު ފަރާތު ބަނދަރު ސަރަހައްދަކީ ރާއްޖޭގެ ރަށްތަކުން ގެންނަ މުދަލުގެ އިތުރުން ރައްތަކަށް ގެންދާ މުދާ އުޅަނދުފަހަރަށް ބަރުކުރާ ސަރަހައްދަށް ވުމުން، އާންމު ގޮތެއްގައި އެސަރަހައްދު ފެންނަނީ މާލޭގެ އެހެން ސަރަހައްދުތަކަށް ވުރެ ކާރޫބާރޫ ބޮޑު ސަރަހައްދެއްގޮތުގައެވެ.

އަދި އެއްގަމުގައި ދުއްވާ އުޅަނދުތައް ދަތުރުކުރާ މަގަކަށް ވުމުން އެއީ ޓްރެފިކް ބޮޑު ސަރަހައްދެއްގެ ގޮތުގައި ފާހަގަ ކުރެވޭއިރު، ޓްރެފިކަށް ދަތިވެ އިތުރު މައްސަލަތަށް ކުރިމަތި ކުރުވާ އެއް ކަމަކީ އެސަރަަހައްދުގައި ގަވައިދާ ހިލާފަށް ޓްރޯލީ ދުއްވުމެވެ.

މާލޭގެ އުތުރުފަރާތު ބަނދަރު ސަރަހައްދުގައި ޓްރޯލީގައި މުދާ އެއްތަނުން އަނެއްތަނަށް އުފުލުމަކީ މިހާރު އާންމު ކަމެކެވެ.

މި ގޮތަށް މުދާ އުފުލާއިރު އެއްކޮޅަށް ދުއްވުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ދެކޮޅަށް ވެސް ޓްރޯލީ ދުއްވައެވެ.

އެހެންކަމުން އެސަރައްދުގައި މަސައްކަތް ކުރާ ފަރާތްތަކަށާއި މަގުން ދަތުރުކުރާ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިލާން ޖެހުމުގެ ޝަކުވާވެސް ވަނީ ބޮޑުވެފައެވެ. ޓްރޯލީގެ ސަބަބުން މުދާ އުފުލާ ކުލީ އުޅަނދުތަކަށް ދަތުރުތަށް ނުލިބުގެ ޝަކުވާއަކީ ވެސް އާންމު ޝަކުވާއެކެވެ.

ބަނދަރު ސަރަހައްދުގައި ޓްރޯލީ ދުއްވާ މައްސަލައިގައި ވީނިއުސްއަށް ދެއްވި ބަސްދީގަތުމުގައި މާލޭ ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ ޓްރޯލީއަކީ ގުދަންތަކުގައި ބޭނުން ކުރަން ފަރުމާކޮށްފައިވާ އެއްޗެއް ކަމަށާއި އެއީ އެއްވެސް ހާލެއްގައި މާލޭ މަގުތަކުގައި ދުއްވަން ހުއްދަ ދީފައިވާ އެއްޗެއް ނޫން ކަމަށެވެ.

އެހެންނަމަވެސް މިފަހަކަށް އައިސް މާލޭގެ ކާރޫބާރޫ އެންމެ ބޮޑުވާ ސަރަހައްދު ކަމުގައިވާ އުތުރު ފަރާތު ބަނދަރު ސަރަހައްދުގައި ޓްރޯލީ ގިނަ އަދަދަކަށް ދުއްވާ އިރު އެއްކޮޅަށް ދުއްވާ މަގުތަކުގައި ޓްރޯލީ އިދިކޮޅަށް ދުއްވާތީ ދިމާވާ މައްސަލަތައްވެސް އިތުރުވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ބައެއް ވިޔަފާރިވެރިން ހަރަދު ކުޑަކުރުމުގެ ގޮތުން ޓްރޯލީގައި ބާޒާރުން ރަށުތެރޭގެ ފިހާރަތަކަށާއި، އަދި ދުރު ސަރަހައްދުތަކަށްވެސް މުދާ އުފުލަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މި މައްސަލައަށް ހައްލެއް ހޯދުމަށް ސިޓީ ކައުންސިލާއި ފުލުހުންނާއި ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ސިޓީކައުންސިލުން ވަނީ ބުނެފައެވެ.

މިގޮތުން މާލޭގެ ބާޒާރު ސަރަހައްދުގައި ޓްރޯލީ ދުއްވާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ހަރުދަނާ އުސޫލުތަކެއް ގާއިމުކުރުމުގެ ގޮތުން މިހާރު ވެސް ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމުގައި ސިޓީކައުންސިލުން ވަނީ ބުނެފައެވެ،

މިގޮތުން ވެހިކަލް ޕާކް ކުރާ ސަރަހައްދުތަކުގަ އާއި ގަސްތަކުގެ ބުޑުގައި ބޮޑުތަޅު އަޅުވާފައި ގަވައިދާ ހިލާފަށް ބަހައްޓާފައި ހުރި ޓްރޯލީތައް ފުލުހުންނާ ގުޅިގެން ނަގައި ޖޫރިމަނާ ކުރަމުން ގެންދެއެވެ. މިހާތަނަށް 130 އަށް ވުރެ ގިނަ ޓޮރޯލީ ނަގާފައިވާ ކަމަށްވެ ސިޓީ ކައުންސިލްގެ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިގޮތަށް ޓޯ ކުރާ ޓްރޯލީ އަނބުރާ ވެރިފަރާތާ ހަވާލުކުރެވޭނީ ޖޫރިމަނާގެ ފައިސާ ދެއްކުމުންނާއި ޓޯ ކުރުމަށް ސިޓީ ކައުންސިލުން ކުރި ހަރަދުވެސް ދެއްކުމުނެވެ. އަދި މީގެ އިތުރުން ތަކެތި ވެރިފަރާތަށް ދޫކުރުމުގެ ކުރިން އެއްބަސްވުމުގައި ސޮއި ކުރުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ބަނދަރު ސަރަހައްދުގައި ޓްރޯލީ ދުއްވުން މަނާކުރި ނަމަވެސް ބާޒާރުމަތީ ފިހާރަތަކުން ބޯޓުތަކަށް ޓްރޯލީގައި މުދާ އުފުލުން މަނާ ނުކުރާ ކަމަށެވެ.