ހުޅުމާލެ އާއި މާލެ ގުޅުވައިދޭ ހައިވޭގައި ސައިކަލެއް އޯވަޓޭކު ކުރަން އުޅުމުގެ ތެރޭގައި އެކްސިޑެންޓްވެ 3 މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިއެކްސިޑެންޓް ހިނގާފައި ވަނީ މިއަދު ހެނދުނު 9:15 ހާއިރު، ކަމަށެވެ. އެކްސިޑެންޓް ހިނގަން ދިމާވީ ހުޅުމާލެއިން މާލޭ ކޮޅަށް ދުއްވާފައި ދިޔަ ސައިކަލެއް އޯވަޓޭކް ކުރުމަށް ހަތަރުފުރޮޅުލީ އުޅަނދުތަކަށް ޚާއްސަކޮށްފައިވާ ލޭނަށް ވަނުމުން ފަހަތުން އައި ކާރެއްގައި ޖެހިގެންނެވެ. މި ހާދިސާގައި 100 ފޫޓަށް ވުރެ ދުރަަށް ސައިކަލް ކަހާލައި ވެއްޓުނު އިރު ސައިކަލު ލޭނުން ދުއްވަމުން ދިޔަ އެހެން ސައިކަލެއްގައި ޖެހި އެސައިކަލްގައި ތިބި ދެމީހުންނަށްވެސް ވަނީ އަނިޔާވެފައެވެ.

ފުލުހުން ބުނީ، އެކްސިޑެންޓްވި ސައިކަލު ދުއްވާފައި ވަނީ އުމުރުން 20 އަހަރުގެ ފިރިހެނެއް ކަމަށާއި، އޭނާގެ އަތުގައި ލައިސަސް ނެތްކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އޭނާގެ ގައިގެ ބައެއް ތަންތަން މަށައިގެން ގޮސް ޒަޚަމްވި އިރު، ސައިކަލު ކަހާލައިގެން ގޮސް ޖެހުނު އަނެއް ސައިކަލުގައި ތިބި ދެމީހުންނަށްވެސް ކުދިއަނިޔާތައް ވެފައިވާ ކަމުގައި ފުލުހުން ބުނެފައިވެއެވެ.

ހުޅުމާލޭ ހައިވޭގައި ދުއްވާއިރު ސައިކަލްތަށް ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްސަ ލޭނަށް ވަދެ އޯވަޓޭކް ކުރުމާއި ސައިކަލް ލޭނަށް ކާރުތައް ވަދެ އޯވަޓޭކް ކުރުން މިފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ.