މިއަހަރު ފެށުނީއްސުރެ ރާއްޖޭގައި ޑެންގޫ ހުމާއި ޗިކުންގުންޔާ ޖެހޭ މީހުންގެ އަދަދު މަހުންމަހަށް އިތުރުވަމުން އަންނަ ކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ)އިން ބުނެފިއެވެ.

އެޗްޕީއޭ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުގައި ވާގޮތުން މިއަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައިވެސް މަހުން މަހަށް ބަލާއިރު ޑެންގޫ ހުމާއި ޗިކުންގުންޔާ ޖެހުނު މީހުންގެ އަދަދު ވަނީ މަހުން މަހަށް މައްޗަށް ގޮސްފައެވެ.

މިގޮތުން މިމޭމަހުގެ 14 ވަަނަ ދުވަހާއި ހަމައަށް 2102 މީހުންނަށް ޑެންގޫ ހުން ޖެހިފައިވާއިރު، އެންމެ ބާރަށް ޑެންގޫހުން ފެތުރެމުން ދަނީ ހދ، ނ، ރ އަދި ބ އަތޮޅުގައެވެ.

ހުސްވި އޭޕްރީލް މަހު 520 މީހަކަށް ޑެންގޫ ހުން ޖެހިފައި ވާއިރު މި މެއިމަހުގެ މިހާތަނަށް 176 މީހަކަށް ޑެންގޫހުން ޖެހުނުކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް 926 މީހަކަށް ޗިކުންގުންޔާ ޖެހިފައިވާ އިރު އެންމެ ގިނަ ބަޔަކަށް ޗިކަންގުންޔާޖެހިފައިވަނީ މާލެއިންނެވެ. މާލެއިން 375 މީހަކަށް މިބަލި ޖެހިފައިވެއެވެ.

ހުސްވި އޭޕްރީޅް މަހު 311 މީހަކަށް ޗިކުންގުންޔާ ޖެހުނު އިރު، މިހިނގާ މެއިމަހުގެ މިހާތަނަށް 83 މީހަކަށް ވަނީ ޗިކުންގުންޔާ ޖެހިފައެވެ.

ޑެންގޫ ހުމާއި ޗިކަންގުންޔާއަކީ މަދިރީގެ ޒަރީއާއި ފެތުރޭ ބަލިތަކަކަށް ވާއިރު، ކޮންމެ އަހަރެއްގެެވެސް ހޫނު މޫސުމުގައި ރާއްްޖޭގައި މިބަލިތައް ފެތުރޭ މިންވަވަރު އިތުރުވެއެވެ.

އެހެން ނަމަވެސް ފާއިތުވި 3 އަހަރާއި އަޅާ ބަލާއިރު މިހިނގާ 2019 ވަނަ އަހަރު ރާއްޖޭގައި ޑެންގޫހުން ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.

މަދިރީގެ ޒަރީއާއިން ފެތުރޭ މިބަލިތައް ކޮންޓްރޯލް ކުރުމަށްޓަކައި މަދިރިއުފެދޭ ތަންތަން ނައްތާަލައި މަދިރިކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.