ދީބާޖާ މައްސަލާގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ރިޝްވަތު ނެންގެވިކަމަށް އޮންލައިން ނޫހެއް ކަމުގައިވާ ސީއެންއެމް އިން ތުހުމަތު ކޮށްފައިވާ ކަމަށް ބުނެ އެނޫހާ މެދު ފިޔަވަޅު އެޅުމަށް ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ފޮނުވައިފި އެވެ.

ޑީޖޭއިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ދީބާޖާއަށް ދައުލަތުން 348 މިލިއަން ރުފިޔާ ދޭންޖެހޭކަމަށް ދަށު ކޯޓުން ކުރި ޙުކުމް ދަމަހައްޓައި ސްޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅޭގޮތުން އެ ނިންމުމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރިޝްވަތު ނަންގަވައިގެން ނިންމެވި ނިންމެވުމެއް ކަމަށް ތުހުމަތުކޮށް ސީއެންއެމްގައި މިދިޔަ ހަފުތާގައި ލިޔެފައިވާ ލިޔުމަކީ ހަގީގަތެއް ނެތް ދޮގު ތުހުމަތުތަކެއް ކަމުގައެވެ. އެކަމަކީ ފަނޑިޔާރުންނާއި ކޯޓުތަކުގެ އަގު ވައްްޓާލައި، ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ކުރާ މަސައްކަތަށް ހުރަސް އެޅުމުގެ ލިޔެފައިވާ ލިޔުމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

އެކަމާ ގުޅިގެން ކުރަންޖެހޭ ތަހުގީގުތައްކޮށް، އަޅަންޖެހޭ ގާނޫނީ އަދި އިދާރީ ފިޔަވަޅުތައް އެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް މީޑިއާ ކައުންސިލަށް މި ޑިޕާޓްމެންޓްގެ ފަރާތުން 15 މެއި، 2019 ވީ ބުދަ ދުވަހު ހުށަހަޅާފައިވާކަމަށް ބަޔާނުގައި ވެއެވެ.

ޑީޖޭއޭގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދީބާޖާ މައްސަލާގެ ސުޕްރީމް ކޯޓުގެ ހުކުމް ބިނާކުރި ސަބަބުތަކާއެކު އެ ކޯޓުގެ ނިންމުން ވެބްސައިޓްގައި އާންމު ކޮށްފައިވާނެ ކަމަށެވެ. އަދި އެ ހުކުމާ ގުޅިގެން ފަނޑިޔާރުން ރިޝްވަތު ނެންގެވި ކަމަށް ކުރަމުންދާ ތުހުމަތުތަކަކީ އަދި ނޫސްވެރިކަމުގެ ނަމުގައި މަދު ބަޔަކު ކުރާ އެފަދަ ކަންކަމުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. ކޮރަޕްޝަންގެ ތުހުމަތު ކުރެވޭނަމަ އެކަމާމެދު ޝަކުވާ ހުށަހަޅަންވީ އިދާރާތައް ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގެ ދަށުން އުފެދިފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

އެހެންކަމުން މިފަދަ ޢަމަލުތައް ކުރާ ފަރާތްތަކުގެ މަޤްސަދަކީ ސިޔާސީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ނުބައި މަޤްސަދުތައް ހާސިލްކުުރުމާއި ، ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމާއި ފަނޑިޔާރުންނަށް ބިރު ދެއްކުން ކަމުގައިވެސް ނޫނީ ބެލެވެން ނެތްކަމަށް ޑީޖޭއޭ ގެ ބަޔާނުގައި ވެއެވެ. އަދި މިފަދަ ޢަމަލުތަކަކީ ޢަދަލު އިންސާފު ޤާއިމުކޮށް ޤާނޫނު ހިންގުމަށް ހުރަސްއަޅައި ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް ފަނޑިޔާރުގެ އިސްލާހުކުރުމަށް ސްޕްރީމް ކޯޓުން އިސްނަގައިގެން ކުރަމުންދާ މަަސައްކަތްތައް ހުއްޓުވަން ކުރާ ކަމެއްގެ ގޮތުގައި ނޫނީ ނުދެކޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.