އަބަދުވެސް ހަނދާން ހުރެއެވެ. އަހަރެންދެކެ އެންމެ ލޯބިވަނީ އަހަރެންގެ މަންމައެވެ. ނަމަވެސް އަހަރެން އެންމެ ލޯބިވަނީ ބައްޕަ ދެކެއެވެ. އެކަން ބައްޕައަށް އެނގޭނެއެވެ. މަންމައަށްވެސް އެނގޭނެއެވެ. ނަމަވެސް ބައްޕަގެ ފަރާތުން އަހަރެންނަށް މާ ބޮޑު ސަމާލުކަމެއް ނުލިބެއެވެ. އެ ޝަކުވާ އަބަދުވެސް އަހަރެން ކުރަމެވެ. އެ ވާހަކަ އަބަދުވެސް އަހަރެން ދައްކަމެވެ.

އެއްފަހަރަކު ދިވެހި ޓީޗަރު ލިޔަންދިން ލިޔުމެކެވެ. ސުރުޚީގައި އޮތީ އެންމެ ލޯބިވަނީ.... އެވެ. މި ލިޔުން އަހަރެން ލިޔުނީ ވަރަށް ލިޔާ ހިތުންނެވެ. އެ ލިޔުމުގައި އަހަރެން ލިޔުނީ އަހަރެންގެ ބައްޕަގެ ވާހަކައެވެ. އޭގައި ލިޔުނީ މުޅިންވެސް ހަގީގަތެވެ. އަހަރެންނާމެދު ބައްޕަ ކަންކަން ކުރާ ގޮތުގެ ވާހަކައެވެ. އެ ލިޔުން ކިޔުމަށްފަހު، އެ ލިޔުމުގައި ހުރި މަޢުލޫމާތާއި ލިޔުމުގެ ފުރިހަމަކަމުން ދިވެހި ޓީޗަރު އަހަރެންނަށް ސަތޭކަ ދިނެވެ. ސަތޭކައަކުން ސަތޭކައެވެ. ވީ އުފަލުގެ ބޮޑުކަމުން އަހަރެން ގެއަށް އައިސް މަންމައަށް އެ ލިޔުން ދެއްކީމެވެ. މަންމަ ލައްވައި އެ ލިޔުން ކިޔުއްވީމެވެ. ނަމަވެސް އެ ލިޔުން ކިޔުމަށްފަހު މާގިނަ ވާހަކަތަކެއް މަންމައެއް ނުދައްކައެވެ.

"މިއީ ދަރިފުޅު އަމިއްލައަށް ލިޔުނު ލިޔުމެއްތަ؟ ނޫނީ މިސް ދިން ނުކުތާތަކަށް ލިޔުނު ލިޔުމެއްތަ؟" މަންމަ ކުރީ ސުވާލެކެވެ.

"މިއީ އަމިއްލައަށް ލިޔުނު ލިޔުމެއް. އަހަރެން މި ލިޔުން ލިޔުނީ ވަރަށް ލިޔާހިތުން. މި ލިޔުން ބައްޕައަށް ވެސް ދައްކާލާނަން. ކިހާ އިރަކުން ބައްޕަ އަންނާނީ؟" މަންމަގެ ސުވާލަށް ޖަވާބު ދިނުމަށް ފަހު އަހަރެން ވެސް ކުރީ ސުވާލެކެވެ.

"ކީއްކުރަން ބައްޕައަށް ދައްކަނީ. ތި ނުދެއްކިޔަސް ބައްޕައަށް އެނގޭ ދަރިފުޅު ބައްޕަދެކެ ލޯބިވާކަން. އެހެންވީމާ ތި ލިޔުން ދައްކާނެ ކަމެއް ނެތް" މަންމަ ދެއްކި ވާހަކަތަކުން އަހަރެން ހައިރާންވިއެވެ.

"އެކަމަކު ބައްޕައޭ ކިޔައިގެން ލިޔެފައިވާ މި ވާހަކަތައް ފެނުމުން ބައްޕަ ކިހާ އުފާވާނެ. އަހަރެން ބޭނުން ބައްޕަ އުފާކޮށްދެން. މަންމަ ތިހެން ބުންޏަސް މި ލިޔުން އަހަރެން ބައްޕައަށް ދައްކާނަން" މަންމަގެ ބަހާ ދެކޮޅަށް އަހަރެން ނިންމީ ބައްޕައަށް އެ ލިޔުން ދައްކާށެވެ. އެހެން ބުނިނަމަވެސް ބައްޕަގެ ހަރުކަށިކަން އަހަރެން ހަނދާން ހުރެއެވެ. މަންމައާ ދެކޮޅަށް ކަމެއް ކޮށްފިނަމަ ދެން ވާނެ ގޮތް އަހަރެންނަށް އެނގެއެވެ.

"މި ބުނީނު ތި އެއްޗެއް ދައްކާނެ ކަމެއް ނެތޭ. ބުނީމާ ބުނާގޮތް ނުހެދޭނަމަ ދެންވާނެ ގޮތް ރީމާއަށް މާ ރަނގަޅަށް އެނގޭނެ. ދެން ދޭ އަވަހަށް އެއްޗެހި ބަދަލުކޮށްގެން ކާން އަންނަން" މަންމަގެ ވާހަކަތަކުން ހިތަށް ވެރިވި ސުވާލުތަކާއެކު އަހަރެން ހިނގައިގަތީ ކޮޓަރިއަށެވެ. ޔުނީފޯމު ބަދަލު ކުރަމުން އަމިއްލަ ޒަމީރާ އަހަރެން ސުވާލު ކުރީމެވެ.

އަހަރެންނާ ބައްޕައާ އެހައި ދުރީ ކީއްވެ ހެއްޔެވެ؟ އަހަރެންދެކެ ބައްޕަ އެހައި ބޮޑަށް ނުރުހެނީ ކީއްވެ ހެއްޔެވެ؟ ކޮންމެ ތާކު މަސައްކަތްކުރި ނަމަވެސް އަހަރެންނަކީ ދަރިއެކެވެ. އަހަރެންނަށް ވަގުތު ދޭން ޖެހޭނެއެވެ. އެހެން ކުދިންގެ ބައްޕަމެން އެކުދިންނަށް ހާދަ ރަނގަޅެވެ. އެކުދިންނާއެކު ކުޅިވަރުކުޅެހަދައެވެ. ސަކަރާތްޖަހާ މަޖާކޮށްވެސް ހަދައެވެ. ނަމަވެސް އެ ނަސީބެއް އަހަރެންނަކަށް ނުލިބެއެވެ.

ކާން އިންއިރުވެސް ހިތަށް ޖަމާވަމުން ދިޔައީ ޝަކުވާތަކެވެ. އެ ޝަކުވާތަކާހެދި ކާން އުނދަގޫވާވަރުވިއެވެ. އެންމެ ފަހުން ކެތް ނުވެގެން އަހަރެން ފެށީމެވެ.

"ކީއްވެ އެ ލިޔުން ބައްޕައަށް ނުދައްކަން މަންމަ ތި ބުނަނީ؟" އަހަރެން ލިޔުނު ލިޔުމާމެދު މަންމަ ބުނި ޖުމުލަ އަހަރެން އަލުން ތަކުރާރު ކުރީމެވެ.

"ދަރިފުޅު ގާތު ބުނަން ދޯ ކޮންމެ ސުވާލެއްގެ ޖަވާބު މަންމައަކަށް ވެސް ނުދެވޭނޭ. ދަރިފުޅަށް ވެސް އެނގޭނެ ބައްޕައަކީ ބިޒީ މީހެއްކަން. ބައްޕަ ގެއަށް އަންނަ އިރު ހުންނަނީ ރުޅި ގަދަވެފައިކަން. އިތުރަށް ރުޅި އަރުވާކަށް ކޮންމެހެން އެއްޗެއްހި ތަކެއް ދައްކާނެކަމެއް ނެތްކަން. ކުރީ ދުވަހުވެސް ދަރިފުޅު ސުވާލު ކުރުމުން ބައްޕައައީ ރުޅިއެއްނު" މަންމަ ދެއްކީ ތެދުވާހަކަތަކެވެ. ނަމަވެސް ކިތަންމެ ބިޒީ ނަމަވެސް ދަރިންނަށް ވަގުތު ދޭން ޖެހޭކަން މަންމަމެންނަށް ނުވިސްނެނީ ހެއްޔެވެ؟

"އެކަމަކު މަންމާ! އަހަރެންނަށް ވުރެ ބައްޕައަށް މުހިންމީ އޮފީސްތަ؟" އަހަރެން ސުވާލު ކުރީމެވެ. އެ ސުވާލާއެކު މަންމަގެ ދޮން މޫނުގެ ކުލަވަރު ބަދަލުވިއެވެ. މޫނުގެ އަލިކަން ރަތްވިއެވެ.

"ބަލަ އޮފީސް މުހިންމު ނުވެ ރައުފަތަށް މި ހޯދައިދޭ ތަކެތި ހޯދޭނެތަ؟ ރައުފަތަށް މި ކޮށްދޭ ކަންކަން ކޮށްދެވޭނެތަ؟ ތި ނަގާ ޓިއުޝަންތައް ނެގޭނެތަ؟ ވިސްނާ ނުލާ ފާޑުފާޑުގެ ވާހަކަ ނުދައްކަބަލަ؟ ތިއީ މިހާރު ނުވިސްނޭވަރުގެ ކުޑަކުއްޖެއް ނޫން." މަންމަ ބުނީ އަބަދުވެސް މަންމަ ބުނާ ވާހަކައެކެވެ. ހިތްހަމަ ނުޖެހިއްޖެ ނަމަ އަބަދުވެސް ހުންނަނީ އަހަރެން ބޮޑުވެފައެވެ.

"އަހަރެން ބޮޑުވީމައޭ މި ސުވާލުތައް މިކުރަނީ؟ އަހަރެންދެކެ ބައްޕަ ލޯބި ނުވަނީ ކީއްވެ؟ އަހަރެން ގޮވައިގެން ބައްޕަ ސްކޫލަށް ނުދަނީ ކީއްވެ؟ އަހަރެންނާ މާ ގިނައިން ވާހަކަ ނުދައްކަނީ ކީއްވެ؟" އަހަރެންގެ ހިތުގައި ހުރި ސުވާލުތައް ފައްޗަކަށް އަމުނާލީމެވެ.

"ދެން ހުއްޓާލާ. އިތުރަށް އެންމެ ޖުމުލައެއް ވެސް ނުބުނާތި" ހަރުކަށި ރާގުގައި މަންމަ ކުރީ އަމުރެވެ. އެ އަމުރާއެކު އަހަރެންގެ ވާހަކަ ހުއްޓާލީމެވެ. މާ ގޯސްވެއްޖެކަން އެނގުމުންނެވެ.

"ކަލޭ ބޭނުންހާ ވާހަކައެއް ތި ގޮތަކަށް ނުދެއްކޭނެ. އަހަރެންނަކީ ކަލޭގެ މަންމަ. މަންމަ ބުނީމާ ބަސްއަހަން ނޭނގޭނަމަ މިގެއިން ދާންވީ" މަންމަގެ އަތުން ބޭރު ދޮރާ ދިމާއަށް ކުރި އިޝާރާތާއެކު އަވަސް އަވަހަށް މަންމަ ބުންޏެވެ. އަހަރެންނަށް އިނދެވުނީއެވެ. މަންމަ އެހައި ރުޅި އައީ ކީއްވެކަމާމެދު ވިސްނާށެވެ. ކޮންމެ ގޮތެއް ވިޔަސް ވާގޮތެއް ވާންވީއެވެ. އެގޮތެއް އަހަރެން ގަބޫލުކުރާނަމެވެ. އެ ވިސްނުމަށްފަހު އަހަރެން އިންތިޒާރު ކުރީ ބައްޕަ ގެއަށް އަންނާނެ ވަގުތަކަށެވެ.

ބައްޕަ ގެއަށް އައިސް ވަނުމާއެކު އަހަރެން ބައްޕައަށް ދިއްކޮށްލީ ސިޓީ އުރައެކެވެ.

"މީ ކޮން ސިޓީއެއް؟" ބައްޕަ ސުވާލުކުރިއެވެ.

"ތިއީ ބައްޕައަށް ފޮނުވާފައި އޮތް ސިޓީއެއް" ހިނިތުން ވުމާއެކު އަހަރެން ބުނީމެވެ.

"ކާކު ފޮނުވި ސިޓީއެއް؟" އަނެއްކާ ވެސް ބައްޕަ ސުވާލުކުރިއެވެ. އެ ސުވާލުކުރިތަނާ ކޮޓަރިން ނުކުތީ މަންމައެވެ.

"ކިހިނެއްވީ؟ ތީ ކޯންޗެއް؟" މަންމަ ވެސް ސުވާލުކުރިއެވެ.

"މިއީ ރައުފަތު ދިން ސިޓީއެއް" މަންމަގެ ސުވާލަށް ޖަވާބުދިނީ ބައްޕައެވެ.

"ތިއެއްޗެއް ކިޔާނެކަމެއް ނެތް. އެ އުޅެނީ މޮޔަވެގެން. ފާޑުފާޑުގެ އެއްޗެހި ލިޔެގެން މާ މޮޅުކަމަކަށް ހަދައިގެން އެ އުޅެނީ. މަބުނީމޭ ތި އެއްޗެއް ދައްކާނަކަމެއް ނެތޭ. ކިހައި ބޮޑުވެއްޖެ ކަމެއް މީ" މަންމަގެ ރުޅިގަނޑު ދިޔައީ ފަޅައިގެންނެވެ. ބައްޕަ ވަނީ ކޮޓަރިއަށެވެ. ބައްޕަ ފަހަތުން މަންމަ ވެސް ވަނީ ކޮޓަރިއަށެވެ.

ދެން އިވުނީ މަންމައާއި ބައްޕަ ޒުވާބުކުރާ އަޑެވެ. އަޑުގެ ކޮޅަށް ނުރުހުމުގެ ބަސްތައް ބައްޕަ ބުނާއަޑެވެ. އަހަރެން އިނީ އަޑު އަހާށެވެ. އެ އަޑުއެހުމުން އަހަރެންނަށް އެނގުނީ އެންމެ ވާހަކައެކެކެވެ. ހުރިހާ ވެސް މައްސަލައަކީ އަހަރެންކަމެވެ. އަހަރެންނަކީ އެ ބައްޕަގެ ދަރިއެއް ނޫންކަމެވެ. އަހަރެންގެ ބައްޕައަކީ އެހެން މީހެއް ކަމެވެ. އެކަން ސިއްރުކުރީ މަންމައަށްޓަކައި ކަމެވެ.

އަހަރެންނަށް ހުރެވުނީ ގަބުވެފައެވެ. ގުޑިލާން ވެސް ނޭނގިފައެވެ. އިރުތަކެއް ފަހުން އަހަރެންނަށް ތިރި ވެވުނީއެވެ. ތަޅުންގަނޑުގައި އިށީނދެވުނީއެވެ. ކިހައި ގޯސް ހެއްޔެވެ؟ އަހަރެންނަކީ އެކަހަލަ ކުއްޖެއް ހެއްޔެވެ؟ މުދައްރިސް އެސިޓީއަށް ސަތޭކަ ދިނީ އެހެންވެ ހެއްޔެވެ؟ ބައެއް މީހުން އަހަރެންނަށް މަލާމާތް ކުރަނީ އެ ސަބަބާ ހުރެ ހެއްޔެވެ؟ މި އޮތް ހުރިހާ ދުވަހު އަހަރެންނަށް ލޯބި މި ވެވުނީ އެހެން މީހަކު ދެކެ ހެއްޔެވެ؟ އެކަން އަހަރެންނަށް ކުރިން ނޭނގުނީ ކީއްވެ ހެއްޔެވެ؟ އެކަން ސިއްރުވީ ކީއްވެ ހެއްޔެވެ؟

އެންމެ ރަނގަޅެވެ. މިހާރު ބައްޕަދެކެ ލޯބި ނުވާންވީ ސަބަބު އެނގިއްޖެއެވެ. ބައްޕަ ހިތްހަމަ ނުޖެހޭ ސަބަބުވެސް އެނގިއްޖެއެވެ. މަންމަ ރުޅި އައި ސަބަބުވެސް ހާމަވެއްޖެއެވެ. މި ހުރިހާ ކަމެއް އެނގިގެން ދިޔައީ އަހަރެންގެ އަތުން ލިޔުނު ލިޔުމަކުންނެވެ. މުދައްރިސް ސަތޭކަ ދިން ލިޔުމުންނެވެ.

(ނިމުނީ)