ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ކުންފުނިތައް ކަނޑައެޅީ އިންސާފުން ބޭރުން ކަމަށް ބުނެ ސިސިލްފަރު ހައްޖު އެންޑް އުމުރާ އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ސިސިލްފަރު ހައްޖު އެންޑް އުމުރާ އިން މައްސަލަ ހުށަހެޅީ، ހައްޖަށް މީހުން ގެންދަން ކުންފުނިތައް ހޮވުމުގައި އަމަލުކުރި އިވެލުއޭޝަން ސައްހަ ނޫން ކަމަށް ކަނޑައަޅައިދިނުމަށް އެދި އެވެ.

މި މައްސަލާގައި ސުލްހަވެރި ހައްލެއް ލިބޭތޯ ބެލުމަށް ކޯޓުގެ ޑިސްޕިއުޓް މަރުހަލާގެ އަޑުއެހުންތައް މިއަދު ފަށާފައިވާއިރު، ދައުލަތުން ވަނީ ޖަވާބުދާރީވާން ފުރުސަތެއް ދިނުމަށް އެދިފައެވެ. އެއާއެކު ސިސިލްފަރަށް ޖަވާބު ދާރީވުމަށް ދައުލަތަށް މާދަމާއާއި ހަމައަށް ފުރުސަތު ވަނީ ދީފައެވެ. އެހެންކަމުން މައްސަލައިގެ ޝަރީއަތް ދެން ކުރިއަށްގެންދާނީ ޑިސްޕިއުޓް މަރުހަލާގައި، ނުވަތަ ކޯޓުން ބޭރުން ވާހަކަދައްކައިގެން އެމައްސަލައަށް ސުލްހަވެރި ހައްލެއް ނުލިބިއްޖެ ނަމަ އެވެ.