ލޯކަލްމާރުކޭޓު ސަރަޙައްދުން ފެނުނު ފައިސާތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ މިމަހުގެ 12 ވަނަ ދުވަހުގެ ވަގުތެއްގައި، މާލޭގެ ލޯކަލްމާރުކޭޓު ސަރަޙައްދުން ފެނުނު ފައިސާތަކެއް އާންމު ފަރާތަކުން ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުންގެ އިދާރާއިން ބުނީ، އެ ފައިސާތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅުއްވައި، ވެރިފަރާތްކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ފައިސާއާ ހަވާލުވުން އެދޭ ކަމަށެވެ.

ފުލުހުން ވަނީ އެފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ޝުކުރުއަދާކޮށްފައެވެ.