އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ހުށައެޅުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު ހުށައަޅާފައި ނުވަނީ އަދާލަތާއި ޑީއާރްޕީން ކަމަށާއި އެ ދެ ޕާޓީ އާއި މެދު އަޅާނެ ފިޔަވަޅެއް މާދަމާ ނިންމާނެ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާން އަހުމަދު އަކުރަމް ވިދާޅުވީ، ކޮމިޝަނުން ދިން މުއްދަތު ހަމަވިއިރުވެސް އަދާލަތާއި ޑިއާރްޕީން އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓު ހުށައަޅާފައި ނުވާއިރު، ޕީޕީއެމުންވެސް އަހަރީ ރިިޕޯޓު ހުށައެޅީ ސުންގަޑި ހަމަވިފަހުން މިއަދު ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނާގޮތުން އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓު ހުށަނާޅާ ޕާޓީތައް 25000 އާއި 75000 އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ވެއެވެ.

އަދި ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާވެސް ދޭނީ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ފުރިހަމަކޮށް ހުށައަޅާ ޕާޓީތަކަށް އެކަންޏެވެ.

އަކުރަމް ވިދާޅުވީ، އަދާލަތާއި ޑީއާރްޕީ އާއި މެދު އަޅާނެ ފިޔަވަޅެއް ނިންމާނީ މާދަމާ ބާއްވާ ކޮމިޝަންގެ ބައްދަލުވުމުގައި ކަމަށެވެ. އެބައްދަލުވުމުގައި ކޮމިޝަންގެ މެމްބަރުން މަޝްވަރާކޮށް ނިންމާގޮތެއް ހާމަކުރާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވާ ގޮތުން ކޮންމެ މީލާދީ އަހަރެއްގެ ފުރަތަމަ ތިންމަސްދުވަހުގެ ތެރޭގައި ކޮންމެ ޕާޓީއަކުންވެސް އެޕާޓީއެއްގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަން ޖެހެއެވެ.