ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ހުޅުވާލައިގެން މޯލްޑިވްސް ސޮކާ މޭޓްސްއިން އިންތިޒާމުކުރާ "ރަމަޒާން ވެޓެރަންސް ކަޕް 2019" ގައި މިއަދު ހަވީރު ކުޅުނު މެޗުން ކްލަބު ގްރީން ސްޓްރީޓްސް އަތުން ފަސޭހަކަމާއެކު އޭދަފުށި ވެޓެރަންސް ފުޓްބޯލް ކްލަބު މޮޅުވެއްޖެއެވެ.

އެއް ނަންބަރު ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން އޭދަފުށި މޮޅުވީ 8-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގައި ގްރީންގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، އޭދަފުށީގެ އަބްދުލް މަޖީދު އިބްރާހީމް ވަނީ ހެޓްރިކް ހަދާފައެވެ. އަދި އެޓީމުގެ އިސްމާޢީލް މުހައްމަދު (ޖެޓް) އާއި އިސްމާޢީލް މުހައްމަދު (ބޮލޭ)، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލް ޖަހާފައެވެ. އަދި އޭދަފުށީގެ އަނެއް ގޯލް ކާމިޔާބުކޮށްދިނީ އިސްމާޢީލް މުހައްމަދު (ބަނޑާ) އެވެ.

މި މެޗުގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އޭދަފުށީގެ ޔޫސުފް އަޒީމެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އޭދަފުށީގެ އަބްދުލް މަޖީދު އިބްރާހީމެވެ.

މި މުބާރާތުގައި އޭދަފުށި ޓީމުން މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު، އެ ތިން މެޗުންވެސް ވަނީ މޮޅުވެފައެވެ.

މިއަހަރުގެ މުބާރާތުގައި 7 ޓީމެއް ވާދަކުރާއިރު، މުބާރާތް ކުރިއަށްދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމެއް ފައިނަލަށް ދާގޮތަށެވެ. އަދި ލީގު ބުރު ނިމޭއިރު، އެންމެ ގިނަ ޕޮއިންޓު ލިބޭ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ކުޅޭ ސެމީ ފައިނަލް މެޗަށްފަހު އެމެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭނެއެވެ.