ށ ފޭދޫގައި ބަޔަކު ލާއިންސާނީ އަނިޔާތަކެއް ދިން، ޚާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމުގައި ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އިބްރާހިމް މުހައްމަދު ވިދާޅުވީ، އަންހެންމީހާއަށް ބަޔަކު އަނިޔާކޮށްފައިވާ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އަދި އެމީހާ ބެލެހެއްޓުމާއި ދައުލަތުން ހަވާލުވުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ.

އަދި މިމައްސަލައިގައި ފިޔަވަޅު އަޅައިދިނުމަށް ފުލުހުންގެ ކިބައިން އެދިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ސިކުނޑީގައި އުނިކަމެއް ހުންނަ އެއަންހެންމީހާގެ ބޮލަށް ގޯންޏެއް ލައްވައި، ހޮޅިދަނޑިއަކާއި އެކު ބަނދެފައިވަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެފޮޓޯތައް ނަގާފައިވަނީ ރޭގަނޑުގެ ވަގުތެއްގައި ނަމަވެސް އެކަން ހިނގާފައިވަނީ ކޮން ތާރީޚެއްގައި ކަމެއް އެނގިފައެއް ނުވެއެވެ.

ށ ފޭދޫ ކައުންސިލުން ބުނެފައި ވަނީ މިހާދިސާ ހިނގުމުގެ ކުރިންވެސް އެއަންހެން މީހާގެ ހާލަތު ބަޔާންކޮށް ދައުލަތުގެ އެކި މުއައްސަސާތަކަށް ސިޓީތައް ހުށައަޅާފައިވާ ކަމަށެވެ.