ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ކުލަބްތަކަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވިސް (އެފްއޭއެމް)އިން ދޫކުރަން ހަމަޖެހިފައިވާ ފައިސާ ކުރިއަށް އޮތް ހަފްތާގެ ތަރޭގައި ޑުކުރާނަން ކަމަށް އެއިދާރާގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒް(ޖަވާ) ވިދާޅުވެއްޖެއެވެ.

ވީނިއުސްއާ ވާހަކަ ދައްކަވަމުން ޖަވާ ވިދާޅުވީ، ފުރަތަމަ ޑިވިޝަންގެ އެއްވެސް ކްލަބަކަށް އަދި ފައިސާ ދީފައި ނުވާނެ ކަމަށާއި މަސައްކަތް ކުރަމުން މިދަނީ އަންނަ ހަފްތާގެ ތެރޭގައި ކުލަބްތަކަށް ފައިސާ ދޫކުރަން ކަމަށެވެ.

އެފްއޭއެމް އަށް ލިބެންޖެހޭ ފައިސާ އަދި ލިބިފައި ނުވާކަން ފާހަގަ ކުރައްވާ ޖަވާ ވިދާޅުވީ، ފައިސާ ލިބުނުހާ އަވަހަކަށް ފުރަތަމަ ޑިވިޝަނަގައި ވާދަކުރާ އަށް ކުލަބަށް ފައިސާ ދޭނެ ކަމަށައި ފައިސާ ކުލަބްތަކަށް ދޫކުރުމުގައި އެއިދާރާއިން ބަލާނެ މިންގަނޑުތަކެއް ވެސް ހިމެނޭ ކަމަށެވެ.

ޖަވާ ވިދާޅުވީ، ނިލަންދޫ ޓީމަށް ފައިސާ ދޫކުރެވޭނީ އެކުލަބުގެ ރަޖިސްޓްރީގެ ކަންކަން ފުރިހަމަ ކުރުމުން ކަމަށާއި އެހެން ނޫނީ ފައިސާ އެކުލަބަށް ދޫނުކުރާނެ ކަމަށެވެ.

މިއަހަރުގެ ފުޓުބޯޅަ ސީޒަން އަންނަ މަހުގެ ހަތް ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު ސީޒަން ފަށާމެޗްގައި ބައްދަލުކުރާނީ މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ފޯކައިދޫ އެފްސީއާއި ޕްރިމިޔަ ލީގްގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުޅުމަށް ހަމަޖެހިފައިވާ މި މެޗްގެ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ފޯކައިދޫ ފުޓުބޯޅަ ދަނޑުގައި އަންނަ މަހުގެ ހަތް ވަނަ ދުވަހު އެވެ. އަދި ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު ގަލޮޅު ފުޓްބޯޅަ ދަނޑުގައެވެ.

ފުރަތަމަ ޑިވިޝަނަގައި ވާދަކުރާ ކުލަބްތަކަށް އެފްއޭއެމް އިން ލިބެންޖެހޭ ފައިސާ ނުލިބޭތީ ގިނަ ކުލަބްތަކުން ވަނީ އެޝަކުވާ މީޑިއާތަކުގަިއ ވެސް ދައްކައިފައެވެ. އަދި ފައިސާ ނުލިބޭތީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާން ގިނަ ދަތިތަކާ ކުރިމަތިވެފައި ވާކަމަށްވެސް ގިނަ ކުލަބް ތަކުން ވަނީ މީޑިއާގަިއ ވާހަކަ ދައްކާފައެވެ.