ތަކެތީގެ ކޮލިޓީ ހިފެހެއްޓުމަށްޓަކައި ހެޑްއޮފީހުން ރަހަބަލަން ފޮނުވާ އިނިސްޕެކްޓަރެއްކަމަށް ހެދިގެން ދެކުނު އެފްރިކާގެ ކިޔަވާކުއްޖަކު އެތާގެ ކޭއެފްސީ އައުޓްލެޓްތަކުން އެއްއަހަރު މުޅިން ހިލޭ ކައިފިއެވެ.
އުމުރުން ހަތާވީސް އަހަރުގެ މިޒުވާނާޔަކީ ދެކުނު އެފްރިކާގެ ކޮންމެވެސް ޔުނިވަރސިޓީއެއްގެ ދަރިވަރެކެވެ. އޭނާ ކޮންމެދުވަހަކު ކޭއެފްސީގެ ކޮންމެވެސް އައުޓްލެޓަކަށް ދަނީ އަގުބޮޑު ކާރެއްގައި ކޯޓުފަޓުލޫނުގައެވެ. މިޒާތަށް ކޭއެފްސީން ކަމުންދަނިކޮށް އެންމެފަހުން ފަޅާއަރައި އެޒުވާނާ މިހާރުވަނީ ހައްޔަރުކޮށްފައެވެ.
އޭނާ ބޭނުންކުރަމުން އައި ކާރުތަކަކީ ކުއްޔަށް ކާރު ދޫކުރާ ތަނެއްގެ ކާރުތަކެކެވެ. އެތާގެ ޑްރައިވަރުންގެ ތެރޭގައި އޭނާގެ ރަހުމަތްތެރި ޑްރައިވަރުން ތިބެއެވެ. އެހެންވީމާ ކޭއެފްސީއަށްދާއިރު ކޮންމެދުވަހަކުވެސް އެއިން ޑްރައިވަރެއްގެ އެހީތެރިކަން ހޯދަނީއެވެ.
މިހާ ގިނަދުވަހު ފުޑް ކޮލިޓީ އިނިސްޕެކްޓަރަކަށް ހެދިގެން އުޅުމުގެ ސަބަބުން ކޭއެފްސީގެ ވަރަށް ގިނަ އައުޓްލެޓްތަކުގެ މުވައްޒަފުންނަށް އެޒުވާނާ އެނގެއެވެ. އެހެންވީމާ ފަހުންފަހުން ކާކުކަން އަންގައިދޭ ކާޑު ދައްކާކަށްވެސް ނުޖެހެއެވެ. އޭނާ ގެންގުޅުނީ ފޮޓޯ ޖަހާފައި ހެޑްއޮފީހޭ ލިޔެފައި އޮންނަ ކާޑެކެވެ.
ކޭއެފްސީގެ ބައެއް މުވައްޒަފުން ބުނެފައިވަނީ އެޒުވާނާ އެންމެ ފުރަތަމަވެސް ވަންނަނީ ބަދިގެޔަށް ކަމަށެވެ. ދެން އެކިތަކެތީގެ ރަހަބަލައި ސުވާލުކޮށް ހެދުމަށްފަހު އެދުވަހަކު އޭނާ ބޭނުންވާ އެއްޗަކަށް އޯޑަރުކޮށްގެން ކައި ނިންމާލަނީއެވެ. ބޮޑަށް ބެލެވެނީ އެއީ ކޭއެފްސީގެ ކޮންމެވެސް އައުޓްލެޓެއްގައި ކުރިން މަސައްކަތްކޮށްފައިވާ ޒުވާނެއްކަމަށް އެމީހުން ބުނެއެވެ. އެހެން ހީވާ ސަބަބަކީ ކޭއެފްސީން ތައްޔާރުކުރާ ކާބޯތަކެއްޗާއިބެހޭ ހުރިހާ މައުލޫމާތެއް އޭނާއަށް ރަނގަޅަށް އެނގިފައި ހުރުމުންނެވެ.