މާލޭ މަގުމަތީގައި ސިގިރޭޓް ބުއިން މަނާކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާގެ ކަައުންސިލާ ހުސައިން ޝަރީފް ވިދާޅުވީ ސިޓީ ކައުންސިލުން އެ ނިންމުން ނިންމާފައިވާ މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައިކަމަށެވެ. މި ނިންމުން ނިންމީ ބައްދަލުވުމުގައި ބައިވެރިވި 7 މެންބަރުންގެ އިއްތިފާގުންނެވެ.

މާލޭ މަގުމަތީގައި ސިގިރޭޓް ބުއިން މަނާކުރަން ހުށައެޅީވެސް ކައުންސިލާ ހުސައިން ޝަރީފެވެ. އެ ހުށައެޅުމަށް ތާއީދު ކުރެއްވީ ކައުންސިލާ އަހުމަދު ޒަމީރެވެ.

ކައުންސިލާ ހުސައިން ޝަރީފް ވިދާޅުވީ މާލޭ ސިޓީގެ މި ނިންމުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއަކަށް ހައްލެއް ހޯދުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއްކަމަށެވެ. އަދި މަގުތަކަކީ މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތަންތަނަށްވާތީ މި ނިންމުމަކީ ކައުންސިލަށް ނިންމޭނެ ނިންމުމެއްކަމަށެވެ.

މާލޭ މަގުމަތީގައި ސިގިރޭޓް ބުއިން މަނާކުރަން ނިންމިނަމަވެސް އެ ނިންމުމަށް އަމަލުކުރަން ފަށާނީ 6 މަސްދުވަސްފަހުން ކަމަށެވެ. އަދި މި މުއްދަތުގައި ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކޮށް އުސޫލުތަކެއް ނިންމާ، މި ނިންމުން ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުންދާނެކަމަށެވެ.

އެގޮތުން ހެލްތު މިނިސްޓްރީއާއި ފުލުހުންނާއި އެ ނޫން މުއައްސަސާތަކާއި ގުޅިގެން މަޝްވަރާކުރާނެކަމަށް ހުސައިން ޝަރީފް ވިދާޅުވިއެވެ.

މާލޭ މަގުމަތީގައި ސިގިރޭޓް ބުއިން މަނާކުރަން މާލޭ ސިޓީ ކައުންސިލުން ނިންމާފައިވާއިރު، ބައެއް ކެފޭ، ހޮޓާ އަދި ރެސްޓޯރަންޓްތަކާއި ދައުލަތުގެ މުއައްސަސާތަކުގައި ސިގިރޭޓް ބުއިން މިހާރުވެސް ވަނީ މަނާކޮށްފައެވެ. އަދި ގާނޫނާއި ޚިލާފުވާ ފަރާތްތައް 500 ރުފިޔާއިން ދަނީ ޖޫރިމަނާކުރަމުންނެވެ.