ދައުލަތަށް އެންމެ ރަނގަޅުގޮތް ހޯދާދިނުމަކީ ބަންޑާރަ ނާއިބުގެ ވާޖިބެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ މިފަހަކުން ކޯޓްތަކުން ނިމޭ ބައެއް މައްސަލަތަކުގައި އަމިއްލަ ފަރާތްތަކަށް ދައުލަތުން އެތަށް މިލިއަން ރުފިޔާއެއްގެ ބަދަލު ދިނުމަށް ހުކުމް ކުރަމުންދާތީ އެކަމާއި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި މިގޮތަށް ދައުލަތުން ބަދަލުދޭ ގިނަ ކުންފުނިތަކަކީ އެމްޑީޕީގެ އިސް ބައެއް ބޭފުޅުންގެ މަސްލަހަތު އޮތް ކުންފުނިތަކެއްކަމަށް ބުނެ ބައެއް ފަރާތްތަކުން ސަރުކާރާއި، އެމްޑީޕީއަށްވެސް ފާޑުކިޔުން އަމާޒުކުރަމުންދާ ވަގުތެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިބްރާހިމް މުހައްމަދު ސާލިހް އިންތިޚާބުވެގެން މިވޭތިވެދިޔަ 6 މަސްދުވަހުގެ ތެރޭގައި އާދަޔާ ޚިލާފަށް ގިނަ ފައިސާ، އަމިއްލަ ފަރާތްތަކަށް ދިނުމަށް ކޯޓްތަކުން ހުކުމްކޮށްފައިވާކަމަށެވެ. މި ފައިސާ ދޫކުރުމުގެ ކުރިން އެއީ ހަގީގަތުިގައިވެސް އެ ކުންފުނިތަކަށް ދޭންޖެހޭ ފައިސާތޯ ކަށަވަރުކުރަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ދައުލަތަށް އެންމެ ރަނގަޅުގޮތް ހޯދާދިނުމަކީ ބަންޑާރަ ނާއިބުގެ ވާޖިބެއްކަމަށެވެ.