ކުރީގެ ނާއިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ތަރާވީހެއްގައި ބައިވެރިވެވަޑައިގެންފިއެވެ.

މިއީ ރައީސް ޔާމީންގެ ނާއިބް ރައީސެއްގެ ގޮތުގައި ޑރ ޖަމީލް ހުންނަވަނިކޮށް އެމަނިކުފާނު މަގާމުން ދުރުކުރިފަހުން މިފަދަ ގޮތަކަށް ދެ ބޭފުޅުން ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

ޕީޕީއެމާއި ޕީއެންސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ތަރާވީހުގައި ޑރ ޖަމީލް ބައިވެރިވެވަޑައިގެންނެވީ ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަކަށްކަމަށް ވީނިއުސްއަށް ވަނީ އެނގިފައެވެ. ނަމަވެސް މި ތަރާވީހުގައި ދެ ބޭފުޅުން އެއްވެސް މަޝްވަރާއެއް ކުރެއްވިކަމެއް އަދި ނިންުމެވުމެއް ނިންމެވިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. މީގެ އިތުރުން ކުރިއަށް އޮތްތާ ޑރ ޖަމީލް ސިޔާސީގޮތުން މަސައްކަތް ކުރައްވާނީ ކޮން ގޮތަކަށްކަމެއްވެސް ވަނީ ސާފުވާގޮތް ނުވެފައެވެ.

މި ތަރާވީހުގައި ބައިވެރިވެވަޑައިގެން ޑރ ޖަމީލާއެކު ނަންގަވާފައިވާ ފޮޓޯއަކާއެކު ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ކުރީގެ ލީޑަރު އަދި މިހާރު ޕީއެންސީގެ ނާއިބް ރައީސް އަހުމަދު ނިހާން ހުސައިން މަނިކު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ޑރ ޖަމީލަކީ ސިޔާސީގޮތުން ވަރަށް ވަރުގަދަ ބޭފުޅެއްކަމަށެވެ.