ޕްރޮސެކިއުޓާ ޖެނަރަލް ދައުވާ ކުރާ މައްސަލަތަކުގައި ދައުލަތުގެ ސްޓޭންޑް ބަދަލުކުރި ނަމަވެސް އެކަމުގައި ފިޔަވަޅު އަޅާނެ ކަމަށް ހައިކޯޓަށް ނުބުނެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އައިޝަތު ބިޝާމު ވިދާޅުވެއްޖެ އެެވެ.

ޕްރޮސެކިއުޓާ ޖެނަރަލް މިހެން ވިދާޅުވީ ޝަރީއަތުގައި ހިނގާ ޖިނާއީ މައްސަލަތަކުގެ އެކި މަރުހަލާތަކުގައި ޕީޖީގެ ސްޓޭންޑް ބަދަލުކުރާނަމަ ޕީޖީއާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ހައިކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހައި ކޯޓުގެ ފަނޑިޔާރުން ޕީޖީއަށް އިންޒާރު ދެއްވި މައްސަލާގައި ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

ޕީޖީ ބިޝާމު ވިދާޅުވީ ދައުލަތުން ދައުވާ ކުރާ ޖިނާއީ މައްސަލަތަކުގައި އެއްކޯޓެއްގައި ސްޓޭންޑް ބަދަލުކޮށްފައި ނުވާނެ ކަމަށެވެ. އަދި ހައިކޯޓުން އިންޒާރު ދިން މަޖިލީހުގައި ސްޓޭންޑް ބަދަލުކުރުން ކަހަލަ ކަމެއް ހިނގާފައި ނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ޝަރިޢަތްތައް ފޮލޯ ކުރައްވާ ކަމަށްވާނަމަ ގިނަ ފަހަރު އަޅުގަނޑުމެން ނަގާފައި ހުންނަ ސްޓޭންޑްތައް މަތީ މަރުހަލާގެ ކޯޓުން އެއަށް ގޮތް ނިންމެވީމަ ހުންނާނެ ދަށު ކޯޓްތަކުގައިވެސް އެބާވަތުގެ މައްސަލަތަކުގައި ގޮސް އެސްޓޭންޑްތަކާ އެއްގޮތަށް ވަކާލަތުކޮށްފައި. އެއީ އެއްގޮތަކަށްވެސް އަޅުގަނޑު އަޅުގަނޑުގެ ސްޓޭންޑް "ރީޒަނެއް" ނެތި ބަދަލުކުރަނީއެއް ނޫން. ރީޒަންސްއާއެކު ގައުންސްއާއެކު ބަދަލުކޮށްފައި ހުންނާނީ،" ބިޝާމު ވިދާޅުވި ކަމަށް ދައުލަތުގެ މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.