ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ކުންފުނިތައް ކަނޑައެޅީ އިންސާފުން ބޭރުން ކަމަށް ބުނެ ސިސިލްފަރު ހައްޖު އެންޑް އުމުރާ އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި މަޝްވަރާ ކޮށްގެން ހައްލު ނުވުމުން އެ މައްސަލަގެ ޝަރީއަތް ފެށުމަށް ތާވަލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ސިސިލްފަރު ހައްޖު އެންޑް އުމުރާ އިން މައްސަލަ ހުށަހެޅީ، ހައްޖަށް މީހުން ގެންދަން ކުންފުނިތައް ހޮވުމުގައި އަމަލުކުރި އިވެލުއޭޝަން ސައްހަ ނޫން ކަމަށް ކަނޑައަޅައިދިނުމަށް އެދި އެވެ.

މި މައްސަލާގައި ސުލްހަވެރި ހައްލެއް ލިބޭތޯ ބެލުމަށް ކޯޓުގެ ޑިސްޕިއުޓް މަރުހަލާގެ އަޑުއެހުންތައް ފަށާފައިވަނީ އިއްޔެއެވެ.

ސިސިލްފަރުގެ ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ ސިސިލްފަރު މައްސަލަ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި މަޝްވަރާ ކޮށްގެން ހައްލު ނުވުމުން އެ މައްސަލަގެ ޝަރީއަތް ފެށުމަށް ތާވަލުކޮށްފައިވާކަމަށެވެ.

ހައްޖަށް މީހުން ގެންދަން ކުރިމަތިލި ގުރޫޕުތައް އިވެލުއޭޓް ކުރީ ރަނގަޅަށް ނޫންކަމަށް ސިސިލްފަރުން ބުނާއިރު، އެ ގުރޫޕުގެ ގާނޫނީ ވަކީލް ނާޒިމް ސައްތާރު ވިދާޅުވެފައި ވަނީ، އިވެލުއޭޝަންގައި އިސްލާމިކް މިނިސްޓްރީން މާކްސް ދިންއިރު، ހައްޖަށް ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިން ގޮތާއި، އަދި އިވެލުއޭޓު ކުރުމަށް ހަދާފައިވާ ގަވައިދުތަކާ ހިލާފު ވެފައިވާ ކަމަށެވެ.

ނަމަވެސް މިނިސްޓްރީން ބުނެފައި ވަނީ، ހައްޖަށް މީހުން ފޮނުވުމުގެ ކަންކަން މިނިސްޓްރީން ކޮށްފައިވާނީ ވަރަށް ދެފުށްފެންނަ ގޮތަކަށް ކަމަށެވެ. އަދި ހައްޖަށް ގެންދިއުމުގެ ހުއްދަ ދިނުމުގައި ޕޮއިންޓް ދޭނެ އުސޫލުތައް ކުރިން ވެސް އިއުލާން ކޮށްފައިވާނެ ކަމަށާއި އެކަމުގައި އަމަލުކުރީ އެ އުސޫލުން ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހައްޖުގެ އަޅުކަމަށް ރާއްޖެއިން މީހުން ގެންދިއުމުގެ ހުއްދައަށް އެދުމަށް ހުޅުވާލުމުން 18 ކުންފުންޏަކުން ވަނީ ކުރިމަތިލާފައެވެ. އަދި ކުންފުނިތައް އިވެލުއޭޓް ކުރުމަށްފަހު ހުއްދަ ދޫކުރީ ފަސް ކުންފުންޏަކަށެވެ.

އެގޮތުން ހުއްދަ ދޫކުރި އަމިއްލަ ފަސް ކުންފުންޏަކީ، ތަޒްކިއާ ޕްރައިވެޓް ލިމިޓެޑާއި، ޒައިމާ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި، މިނާ ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އެކްރޯ ޕްރައިވެޓް ލިމިޓެޑް އަދި އަލްހަރަމައިން ހައްޖު އެންޑް ޕްރައިވެޓް ލިމިޓެޑަށެވެ.