އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމަށް މިއަދު ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ބުނީ އެ މަޤާމަށް މިއަދު އައްޔަންކުރެއްވީ ރ.ކަނދޮޅުދޫ ރިހިތަޅާގެ އަހުމަދު މުޙައްމަދުފުޅެ ކަމަށެވެ.

އަހުމަދު މުހައްމަދު ފުޅު އެމަޤާމަށް އައްޔަނު ކުރެއްވީ، ޤާނޫނު ނަންބަރު: 14/2013 "ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު" ގެ ނުވަވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރ އޮފް ހޯމްއެފެއާޒް އަށް ލިބިގެންވާ ބާރުގެ ދަށުން މިނިސްޓަރ ޢިމްރާން ޢަބްދުﷲ އެވެ.

މިއަދު އަޙުމަދު މުޙައްމަދުފުޅު މަޤާމަށް އައްޔަންކުރެއްވީ ކުރިން އެމަޤާމްގައި ހުންނެވި މުޙައްމަދު އިބްރާހީމް ދީދީ މަޤާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމަށް އައްޔަންކުރެއްވި އަހުމަދު މުޙައްމަދުފުޅަކީ "ބެޗެލަރ އޮފް އަރޓްސް އިން ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް" ހާޞިލްކުރެއްވުމަށްފަހު، "މާސްޓަރ އިން ސޯޝަލް ޕޮލިސީ" ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަހުމަދު މުޙައްމަދުފުޅު އެންމެފަހުން މަސައްކަތްކުރެއްވީ ހިޔުމަންރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް)ގެ މަޤާމްގައެވެ. އޭގެކުރިން މިނިސްޓްރީ އޮފް ޖެންޑަރގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމް އަދާކުރެއްވިއެވެ. އަދި އޭނާއަކީ ޖަލުތައް އޮޑިޓްކުރުމަށް އެކުލަވާލެއްވި ކޮމިޝަންގެ މެމްބަރެކެވެ.

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަކީ މީހުން ބަންދުކުރާތަންތަނުގެ ޙާލަތާއި އެތަންތަނުގައި ކަންހިނގާގޮތް ބަލާ މިނިސްޓަރ އޮފް ހޯމްއެފެއާޒަށް ރިޕޯރޓްކުރުމަށްޓަކައި އައްޔަންކުރާ މީހެކެވެ.