ތަކެތީގެ އަގު ބޮޑުވަނީ ވިޔަފާރި ކޮންޓްރޯލް ބިދޭސީން އަތުގައި އޮތުމުންކަމަށް ސައުތު ކޭޓަރިންގެ ވެރިޔާ މުހައްމަދު ތައުފީގު (ސައުތު ތައުފީގު) ވިދާޅުވެއްޖެއެވެ.

ކޮންމެ ރަމަޟާންމަހާއި ދިމާކޮށް ބާޒާރުގައި ދިވެހި އުފެއްދުންތަކުގެ އަގު އިންތިހާއަށް ބޮޑުވެގެންދާއިރު، އެކަމާއި ގުޅޭގޮތުން ވީނިއުސްއާއި ވާހަކަދައްކަވަމުން ތައުފީގު ވިދާޅުވީ ބަޔަކު ގަބޫލުނުކުރިނަމަވެސް މާރުކޭޓްގައި ދިވެހި ވިޔަފާރިވެރިންގެ އެއްވެސް ބާރެއް މިއަދު ނެތްކަމަށެވެ. މާރުކޭޓްގައި ވިޔަފާރި ކުރަންތިބީ ބިދޭސީންކަމަށާ ތަކެތި ވިއްކަމުންދަނީ ބިދޭސީންނަށް ފެނުނު އަގެއްގައިކަމަށް ތައުފީގު ވިދާޅުވިއެވެ.

ތައުފީގު ވިދާޅުވީ ދިވެހި އުފެއްދުންތަކާއި، ރާއްޖެއިން ބޭރުން ގެންނަ ކާބޯތަކެތިވެސް ފުރަތަމަ ގަންނަނީ ބިދޭސީ މީހާކަމަށެވެ. އަދި ދިވެހި ވިޔަފާރިވެރިން މިއަދު ގޮޅިތަކަށްވެސް އަދި ސައި ހޮޓާ ރެސްޓޯރަންޓްތަކަށްވެސް ތަކެތި ގަންނަންޖެހިފައިވަނީ ބިދޭސީއެއްގެ އަތުންކަމަށެވެ. އެހެންކަމުން އާންމު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދޭ ތަކެތި ނުވަތަ ބާވަތްތަކުގެ އަގު ބޮޑުވަނީކަމަށް ތައުފީގު ވިދާޅުވިއެވެ.

"މިއީ ކުރީ ދުވަހަކުވެސް ދިމާވިކަމެއް. އިންޑިއާއިން އައި ކެޔޮ ބޯޓެއް. އަޅުގަނޑުމެންދިޔައިރު ބިދޭސީންގެ ބަޔަކު ހުރިހާ ކޭލެއް ގަނެފި. ދެން އަޅުގަނޑުމެން މި ޖެހެނީ އެމީހުންގެ އަތުން ގަންގަން. 400 ރުފިޔާއަށް އެމީހުން އަތުން ލިބެންހުރި ދޮންކެޔޮގަނޑު ފަހުން ބިދޭސީން އަތުން މި ލިބުނީ 700 ރުފިޔާއަށް. ދެން ކިހިނެތްތޯ ތަކެތީގެ އަގު ކުޑަކުރާނީ." ތައުފީގު ވިދާޅުވިއެވެ.

ތައުފީގު ވިދާޅުވީ ބިދޭސީންގެ މައްސަލަ ގައުމީ ބޮޑު މައްސަލައަކަށްވެފައިވާއިރު، އެކަން ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަމަށެވެ. އެހެން ނޫންނަމަ ކުރިމަތިވާނީ ތަކެތީގެ އަގު ބޮޑުވުމުގެ މައްސަލަ އެކަނި ނޫންކަމަށާ އެ ނޫން އެތައް މައްސަލަތަކެއް ކުރިމަތިވާނެކަމަށް ތައުފީގު ވިދާޅުވިއެވެ.

ތައުފީގު ވިދާޅުވީ ސައުތުން މަސައްކަތް ކުރަމުންދާނީ އެންމެ ހެޔޮ އަގުގައި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށްކަމަށާ ނަމަވެސް އެކަން ކުރެވޭނީ ބާޒާރުން ލިބެންހުރި ތަކެތީގެ އަގުތައްވެސް ހެޔޮވެގެންކަމަށެވެ. އަދި ދިވެހިން ކާބޯތަކެތި އެންމެ ގިނަ އަދަދަކަށް ބޭނުންކުރާ މޫސުންތަކާއި ދިމާކޮށް ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިގެން ދިއުމަކީ ކަންބޮޑުވާންޖެހޭކަމެއްކަމަށެވެ. އަދި އެއީ ބަޔަކު ގަސްތުގައި ކުރާކަމެއްކަމަށާ އެކަން އެހެން ވަނީ ބިދޭސީންގެ ކޮންޓްރޯލްގެ ދަށުގައި ބާޒާރުގެ ވިޔަފާރި އޮތުމުންކަމަށެވެ.

ތައުފީގު ވަނީ މި މައްސަލަތައް ހައްލުކުރުމަށް ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވަން ހުންނެވިކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުން އެދޭ ކޮންމެ ކަމެއްގައި ވެެދެވެން އޮތް ކޮންމެ އެހީތެރިކަމެއް ދެއްވާނެކަމަށް ތައުފީގު ވިދާޅުވިއެވެ.

މީގެ އެތަށް އަހަރެއްކުރިން ފެށިގެން މާލޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސައި ހޮޓާ އަދި ކާބޯތަކެތީގެ ވިޔަފާރީގެ ޚިދުމަތް ދެމުންދަނީ ސައުތު ކޭޓަރިންގެ ފަރާތުންނެވެ. ސައުތަކީ ރައްޔިތުންގެ ވަރަށް ބޮޑު އިތުބާރެއް ލިބިފައިވާ ވިޔަފާރި ކުންފުންޏެވެ.

ސައުތުން މީގެ ކުރިން ވަނީ ސަރުކާރުގެ މުހިންމު ބައެއް މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒިފުންނަށްވެސް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ޚިދުމަތް ދީފައެވެ. އަދި ގައުމީ ބޮޑެތި ހަފްލާތަކަށްވެސް ޖާފަތް ތައްޔާރުކޮށްދިނުމުގައިވެސް ސައުތަކީ ޚާއްސަ ނަމެކެވެ.