މާލޭގައި ހުރި އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އަނެއްކާވެސް އަތޮޅު ކައުންސިލްތަކުގެ އެކައުންޓަށް ޖަމާކޮށްދޭން ފިނޭންސް މިނިސްޓްރީން ފަށައިފި އެވެ.

އަތޮޅު ކައުންސިލްތަކަށް ފައިސާ ހަވާލުކުރަން ފަށާފައި މިވަނީ އެފައިސާ ދިނުން ހަތަރު އަހަރު ދުވަސް ވަންދެން މެދުކެނޑިފައި އޮތުމަށްފަހު އެވެ.

ފައިސާ ޖަމާކުރުމުގެ ގޮތުން މިހަފްތާގައި ވަނީ 16 ކައުންސިލަކަށް ބާރަ މިލިއަން ފަސް ލައްކަ ތިރީސް އަށްހާސް ދުއިސައްތަ ފަސްދޮޅަސް ދެރުފިޔާ ފަސްދޮޅަސް ދެލާރި ޖަމާކޮށްފަ އެވެ.

މިކަމާބެހެ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރުގެ ވައުދުތަކާ އެއްގޮތަށް ކައުންސިލްތައް ބާރުވެރިކުރުވުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. މިއީ އެގޮތުން ކުރެވުނު އެންމެ މުހިއްމު މަސައްކަތް ކަމަށާއި ސަބަބަކީ ބާރުވެރި ކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ މާލީގޮތުން ފުދުންތެރި ބަޔަކަށް ކައުންސިލްތައް ހެދުން ކަމުގައިވެސް ވިދާޅުވި އެވެ.

އަތޮޅު ފިހާރަތަކަކީ އަތޮޅުތަކުގެ ބައިވެރިވުމާއެކު މާލޭގެ އުތުރު ފަރާތުގައި ގާއިމްކޮށްފައިވާ ފިހާރަތަކެކެވެ.

މާލޭގައި ހުރި އަތޮޅު ފިހާރަ ތަކަކީ ކައުންސިލް ތަކަށް ކުލީގެ 50 ޕަސެންޓް ލިބޭ ގޮތަށް ކުއްޔަން ދީފައިވާ ފިހާރަ ތަކެކެވެ.

އަތޮޅު ފިހާރަތަކުގެ ފައިސާ ކައުންސިލްތަކަށް އެންމެ ފަހުން ދީފައިވަނީ 2014 ވަނަ އަހަރު އެވެ.