ފާއިތުވި އޭޕްރީލް މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ އަގު މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު 9 އިންސައްތަ އިތުރުވެއްޖެ އެެވެ.

ކަސްޓަމްސް އިން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު މި އަހަރުގެ އޭޕްރިލް މަހު މި އަދަދު ވަނީ 4.1 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އެހެންކަމުން މިއީ ނުވަ އިންސައްތައިގެ އިތުރުވުމެކެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ އޭޕްރީލް މަހު ރާއްޖެއިން 377 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު މި އަހަރުގެ އޭޕްރީލް މަހު މި އަދަދު ވަނީ 324 މިލިއަން ރުފިޔާއަށް ދަށްވެފަ އެވެ. އެހެންކަމުން މިއީ 14 އިންސައްތައިގެ އިތުރުވުމެކެވެ.

ކަސްޓަމްސް އަށް ލިބުނު އާމްދަނީ އަށް ބަލާއިރު މިދިޔަ އޭޕްރީލް މަހު 300 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު 14 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސްއަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 262 މިލިއަން ރުފިޔާ އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. އެގައުމުން 908 މިލިއަން ރުފިޔާގެ މުދާ އެތެރެކުރިއިރު 617 މިލިއަން ރުފިޔާގެ މުދަލާއެކު ދެވަނަ އަށް އެންމެ ގިނަ މުދާ ރާއްޖެއަށް އެތެރެކޮށްފައިވަނީ ޗައިނާއިންނެވެ. ތިންވަނަ އަށް އެންމެ ގިނަ މުދާ އެތެރެކޮށްފައިވަނީ ސިންގަޕޫރުންނެވެ. އެގައުމުން ވަނީ މިދިޔަ އޭޕްރީލް މަހު 476 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކޮށްފަ އެވެ.