ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓްތައް ދޫކޮށްލަން ހައިކޯޓުން ކުރި ހުކުމްގެ އިސްތިއުނާފް އަޑުއެހުންތައް ސްޕްރީމް ކޯޓުން ނިންމާލައިފިއެވެ.

ދައުލަތުގެ ފަރާތުން ހައިކޯޓުގެ ހުކުމް ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމާއި ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ކަނޑައެޅުމަށާއި އެކައުންޓްތައް ދޫކޮށްލުމަށް ހައިކޯޓުން ކުރި ހުކުމް ބާތިލް ކުރުމަށް އެދިފައެވެ. މީގެއިތުރުން މަނީ ލޯންޑަރ ކުރުމާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމާއި ގުޅޭގޮތުން ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ ގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާތީ، ޔާމީންގެ އެކައުންޓް ތަކުގައި ހުރި ފައިސާ މި ވަގުތުގެ ތެރޭގައި ދޫވެ އެފައިސާ ދައުލަތަށް ލިބުމަށް ދަތިތަކެއް ދިމާވެދާނެތީ ހައިކޯޓުގެ ހުކުމުން ލިބިދީފައިވާ މުއާމަލާތް ކުރުމުގެ ބާރު ހުއްޓުވުމަށްވެސް ދައުލަތުން އެދިފައިވެއެވެ. އަދި ބީއެމްއެލްގައި ހުޅުވާފައި ހުރި އެކައުންޓްތަކާއި މޮރިޝަސް ކޮމާޝަލް ބޭންކްގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުން މުއާމަލާތް ކުރުން ހުއްޓުވުމަށް ދައުލަތުގެ ފަރާތުން ވަނީ އެދިފައެވެ.

ދައުލަތުގެ ފަރާތުން މިގޮތަށް އެދުމާއި ގުޅިގެން ރައީސް ޔާމީންގެ ވަކީލް ވިދާޅުވީ ދައުލަތުގެ ފަރާތުން ފާހަގަކުރާ އެއް މިލިއަން ޑޮލަރު ހުރި އެކައުންޓަކީ އެންޓިކޮރަޕްޝަން ކޮމިޝަން(އޭސީސީ) ގެ ބެލުމުގެ ދަށުން ހުޅުވާފައިވާ އެސްކްރޯ އެކައުންޓްގައި ހުރި ފައިސާ ކަމަށާއި އެހެން ކަމުން އެ ފައިސާއަކީ ގެއްލިގެންދާނެ ފައިސާއެއް ކަމަށް ޤަބޫލު ނުކުރާކަމަށެވެ. އެފައިސާ ތަކަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ތަކެއް ނޫންކަމަށާއި އެހެންކަމުން ހައިކޯޓުގެ އަމުރަކީ ޤާނޫނާއި އެއްގޮތަށް ކޮށްފައިވާ އަމުރަކަށް ވާތީ އެހުކުމަށް ތާޢީދުކޮށް ދެއްވުމަށްވެސް ޔާމީންގެ ވަކީލް ވަނީ ކޯޓުގައި އެދެފައެވެ. އަދި މިމައްސަލާގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ލިޔެ ކިޔުންތަކުގައި ތާރީޚުތަކުގައި ފުށު އެރުންތަކެއް އުޅޭކަން ޔާމީންގެ ވަކީލް ފާހަގަކުރެއްވިއެވެ. އެގޮތުން އެމްއެމްއޭއިން ފުލުހުންގެ އިދާރާއަށް ފޮނުވާފައިވާ ސިޓީއަކަށް ހަވާލާދީ ދައުލަތުން ވާހަކަދައްކާއިރު އެ ސިޓީގައި ފާހަގަކޮށްފައިވަނީ 2013 ން 2015 ށް ހިނގާފައިވާ މުއާމަލާތްތަކުގެ ވާހަކައަށް ވާއިރު ފަހުން ބަލާފައިވަނީ އޭގެ ފަހުގެ ތާރީޚުގައި ހިނގާފައިވާ މުއާމަލާތްތަކުގެ ވާހަކަތަކެއް ކަމަށެވެ.

މިމައްސަލައިގެ އިސްތިއުނާފް ގެ އަޑުއެހުން މިއަދު ނިންމާލިއިރު އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވީ ދެން އޮންނާނީ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ. މިމައްސަލަ ބައްލަވަނީ ސްޕްރީމް ކޯޓުގެ ފުލް ބެންޗުންނެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރ ކުރުމުގެ ދައުވާ އުފުލާފައި ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ އެސްއޯއެފްގެ އެކައުންޓެއް މެދުވެރިކޮށް އެމަނިކުފާނުގެ އަމިއްލަފުޅު އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ވާތީއެވެ. އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ދާއިރު މިހާތަނަށް ވަނީ މައްސަލައިގެ ދެ އަޑުއެހުމެއް ބާއްވާފައެވެ.