ސިޔާސީ ޕާޓީތަކުގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ ޕާޓީތަކުގެ ތެރެއިން މިއަހަރު ދައުލަތުން ކަނޑައަޅާފައިވާ ބަޖެޓުން ސިޔާސީ ޕާޓީތަކަށްވާ ފައިސާ ދޭން ނިންމި ޕާޓީތައް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ 2019 ވަނަ އަހަރަށް ދައުލަތުން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައިވާ ބަޖެޓުން ފައިސާ ލިބެނީ އެންމެ ހަތަރު ޕާޓީއަށް ކަމަށެވެ. އެއީ އެމްޑީޕީ ޕީޕީއެމް ޖެޕީ އަދި އެމްޑީއޭ ކަމަށެވެ.

މީގެތެރެއިން ޝަރުތު ހަމަވެ މިވަގުތު ފައިސާ ދޫކުރުމަށް ކަނޑައަޅާފައިވަނީ ތިން ޕާޓީއަކަށް ކަަމަށާއި އެއީ އެމްޑީޕީ އެމްޑީއޭ އަދި ޖޭޕީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި އެ ޕާޓީތަކަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

ފައިސާ ލިބޭ ޕާޓީތަކުގެ ތެރޭގައި ޕީޕީއެމް ހިމެނުނު ނަމަވެސް އެޕާޓީއަށް ފައިސާ ދޫކުރަން ފިނޭންސަށް ނުފޮނުވާ މައްސަލާގައި އިލެކްޝަންސް ކޮމިޝަނުން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަހަރުގެ ފަސްވަނަ މަހާއި ހަމައަށް އައި އިރުވެސް ޕާޓީތަކަށް ފައިސާ ދޫނުކުރެވި ލަސްވީ ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ޕާޓީތަކުން އެއްފަހަރާ ގިނަ ފޯމުތަކެއް ހުށަހަޅާފައި ވުމުން ކަމަށެވެ.