ރޯދަމަހުގެ ފުރަތަމަ 10 ދުވަސް ނިމުނުއިރު ދަތުރުވެރިންގެ މާރުކޭޓުގައި މުދާ ވަރަށް ބޮޑަށް އިތުރުކަން ފާހަގަކުރެވެ އެވެ. އެހެންނަމަވެސް މާރުކޭޓަށް ވިޔަފާރިކުރަންދާ މީހުން ނިސްބަތުން މަދުކަން ފާހަގަކުރެވެ އެވެ.

ސަބަބެއް ކަމަށް މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތްތަކުން ބުނަނީ މާލޭގެ އެކި ސަރަހައްދުތަކުގައި މާރުކޭޓުތައް އިތުރުކުރުމެވެ. ވިޔަފާރިވެރިން ބުނާ ގޮތުގައި މާރުކޭޓުތައް އެކި ސަރަހައްދުތަކުގައި އިތުރުކުރުމުން މާލޭގެ މައި މާރުކޭޓް ކަމުގައިވާ ދަތުރުވެރިންގެ މާރުކޭޓަށް ލިބެނީ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. ގިނަ ފަހަރު ތަކެތި ހަލާކުވެގެން އުކާލަންޖެހޭ ކަމަށްވެސް އެމީހުން ބުނެ އެވެ.

އެގޮތުން މިއަހަރުގެ ރޯދަ މަހު ދޮންކެޔޮލުގެ ވިޔަފާރި ދަށްވެފައިވާ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ. އަގުބޮޑުކޮށް ގެންނަ ދޮންކެޔޮ ނުވިކި ހަލާކުވެގެންދާތީ ނުއަގުގައި ވިއްކަންޖެހި ގެއްލުންވަމުންދާ ކަމަށްވސް އެމީހުން ބުނެ އެވެ. ދޮންކެޔޮ ވަކެއްގެ އަގު ބާޒާރުގައި ހުރީ 5 ރުފިޔާއާއި 7 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ.