ސަރުކާރުން ދައްކަންޖެހޭ ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޯޓުތަކަށް ދެއްކި އަދަދު މިއަހަރުގެ ބަޖެޓުގައި ލަފާކުރި މިންވަރަށް ވުރެ، ހަގުނަ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނސްޓްރީން ބުނެފި އެވެ.

މިއަހަރުގެ ބަޖެޓުގައި ސަރުކާރުން ދައްކަންޖެހޭ ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަން ކަނޑައަޅާފައިވަނީ 50.4 މިލިއަން ރުފިޔާ އެވެ.

ނަމަވެސް ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ މާލީ ރިޕޯޓުގައި ބުނެފައިވަނީ މިއަހަރުގެ ފުރަތަމަ ހަތަރު މަސް ނިމިގެން ދިޔައިރު މިއަދަދު އިތުރުވެ 336.7 މިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށެވެ. ކޯޓު މަރުހަލާގެ ތެރެއިން ދައްކަންޖެހޭ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ބެލެވޭއިރު އެ އަދަދު ސާފު ނުވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަން ޖެހޭ އަދަދު މިހާ ބޮޑުވެފައިވާ ސަބަބެއް ކަމުގައި މިނިސްޓްރީން ބުނެފައިވަނީ ނެކްސްބިޒާއި ސުނާމީ ލޯނުތައް މައާފު ކުރުމަށް ބީއެމްއެލަށް ފައިސާ ދެއްކުން ކަމަށެވެ. ނެކްސްބިޒަށް 277 މިލިއަން ރުފިޔާ ސަރުކާރުން ދައްކާފައިވާ ކަމަށްވެސް ރިޕޯޓްގައިވެ އެވެ. ސުނާމީއާ ގުޅިގެން ދޫކުރި ލޯނުތަކުގެ ތެރެއިން 15.2 މިލިއަން ރުފިޔާވެސް ސަރުކާރުން ދައްކާ ޚަލާސްކޮށްފައިވަނީ އެއީ ވެސް ދައްކަންޖެހޭ ފައިސާ ކަމަށްވާތީ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން ދެއްކި ފައިސާގެ ތަފްސީލްތަކެއް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައި މިވަނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ސަރުކާރާ އެކު ސޮއިކޮށްފައިވާާ ދީބާޖާ އިންވެސްޓްމަންޓްގެ އެއްބަސްވުން ބާތިލްކުރުމުން އެކުންފުންޏަށް ބަދަލުދިނުމަށް ކޮށްފައިވާ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ވެސް ސިވިލް ކޯޓުގައި ފަށާފައި ވަނިކޮށެވެ. މިހުކުމް ސަރުކާރުން ތަންފީޒުކޮށްފިނަމަ ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން މިއަހަރަށް ކަނޑައެޅި ބަޖެޓުގެ އަދަދު 13 ގުނައަށްވުރެ މައްޗަށް އިތުރުވެގެންދާނެ އެވެ.

މީގެއިތުރުން ދައުލަތުގެ ވަޒީފާތަކުން އެއްވެސް ސަބަބެއް ނެތި ވަކިކޮށްފައިވާ ފަރާތްތަކަށް ބަދަލު ދިނުމަށާއި، ދައުލަތާ އެކު އެކިއެކި ފަރާތްތަކުން ހަދާފައިވާ އެއްބަސްވުންތައް ދައުލަތުން ގާނޫނުތަކާ ހިލާފަށް ބާތިލްކުުރުމުން ދައުލަތުން އެކިއެކި ފަރާތްތަކަށް ބޮޑެތި އަދަދުތަކުން އަނބުރާ ފައިސާ ދޭން ޖެހޭ މައްސަލަތައް އަދިވެސް ގިނަ އަދަދަކަށް ހުރިކަން ފާހަގަކުރެވެ އެވެ.