ވިއެޓްނާމްގެ ހަނޯއީ ގައި އަންނަ ޖުލައި މަހުގެ 13 އިން 21 އަށް ބާއްވާ ތިން ވަނަ އޭވީސީ 23 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ވޮލީ ޓީމު އިއުލާން ކޮށްފިއެވެ.

ގައުމީ އަންހެން ވޮލީ ޓީމް އިއުލާން ކުރުމަށް އިއްޔެރޭ ބޭއްވި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް އެވެ. އަދި މިހަފްލާގައި މިނިސްޓަރު މަހުލޫފް ވަނީ ޓީމުގައި ހިމެނުނު ކުޅުންތެރިންނަށް ލިޔުން ހަވާލުކޮށްދީފައެވެ.

ޖުމްލަ ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި 15 ގައުމަކުން ވާދަކުރާއިރު، މުބާރާތުގައި ރާއްޖޭގެ ޒުވާން ވޮލީ ޓީމް ލައްވާލާފައިވަނީ ގްރޫޕް ބީގައިއެވެ. މިގުރޫޕްގައި ރާއްޖެ އާއިއެކު ދެން ހިމެނޭ ގައުމުތަކަކީ ތައިލޭންޑާއި އޮސްޓްރޭލިއާ އަދި އުތުރު ކޮރެއާއެވެ.

ވޮލީ އެސޯސިއޭޝަނުން ބުނީ، މިމުބާރާތުގައި ގްރޫޕް ސްޓޭޖު މެޗުތަކުގެ އިތުރުން ރޭންކިން މެޗުތަކާއިއެކު ރާއްޖެ ޓީމުން ފަސް މެޗު ކުޅޭނެއެވެ.

މިފަހަރުގެ މުބާރާތުގައި ވާދަކުރާ ރާއްޖެ ޓީމުގެ ހެޑް ކޯޗަކީ ހަސަން އަގްލީން އެވެ.