ހުޅުލޭ ވޯޓާ އެއާޑްރޯމްގެ ސަރަހައްދުގެ ތެރެއަށް ވަދެ އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ކުރުމަކީ މުޅިން މަނާކަމެއް ކަމުގައި މޯލްޑިވުސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެކުންފުނިން މިހެން ބުނީ ހުޅުމާލެ އާއި ހުޅުލޭ ވޯޓާ އެއާޑްރޯމް ވަކިކުރުމަށް ޖަހާފައިވާ ފެންސުގެ އެތެރޭގައި ބަޔަކު މަސްހިފަން އުޅޭ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާތީ އެކަމާއި ގުޅިގެންނެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ، އެއާޕޯޓުގެ ފެންސްޖަހާ ވަކިކޮށްފައިވާ ސަރަހައްދަށް އެއްވެސް ބޭނުމެއްގައި އެއްވެސް ބަޔަކަށް ވަދެވޭނީ، ހުއްދަ ލިބިގެން ކަމަށެވެ. އެހެން ކަމުން އެފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުކުރުމަށް އެދޭކަމުގައި އެކުންފުނިން ބުނެފައިވެއެވެ.

ހުޅުމާލެ އާއި ހުޅުލެ ގުޅުވައިދޭ ހައިވޭ ހެދުމަށްފަހު ހުޅުމާލޭ ފަޅިން ވޯޓާއެއާޑްރޮމް ހިމެނޭ ސަރަހައްދުގައި އަލުން ފެންސްޖަހައި ވަކިކޮށްފައި ވަނީ ވަރަށް ފަހުންނެވެ.