ދަތުރުފަތުރާއި ގުޅޭ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފަިއވާ ޓްރެވެލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއާގެ އެއާލައިން ޕާޓްނަރަކަށް، ގައުމީ އެއާލައިން މޯލްޑިވިއަން ހަމަޖައްސައި އެއްބަސްވުމުގަިއ ސޮއިކޮށްފި އެވެ.

މިއެއްބަސްވުމުގައި ޓީޓީއެމް ފެއާ އިންތިޒާމްކުރާ މޯލްޑިވްސް ގެޓަވޭސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހުސެއިން ސަނީ އުމަރުއެވެ. މޯލްޑިވިއަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާއެވެ.

ޓީޓީއެމް މިދިޔަ އަހަރުގެ ފެއާގައި ބޭރުގެ 200 ފަރާތަކުން ބައިވެރިވިކަން ފާހަގަ ކުރައްވާ މޯލްޑިވްސް ގެޓަވޭސްއިން ބުނީ މީގެ ހަތަރު އަހަރު ކުރިން ފެށިގެން ކޮންމެ އަހަރަކުވެސް ރާއްޖޭގައި ބާއްވަމުން އަންނަ މިފެއާއަށް މިއަހަރު ބޭރުގެ 300 ޓުއާ އޮޕަރޭޓަރުން ގެނައުމަށް މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ. އަދި މިފެއާގައި ރާއްޖެއިން ވެސް 100 އަށް ވުރެ ގިނަ ފަރަތްތަކަުން ބަިއވެރި ވާނެ ކަމަށް ވެސް މޯލްޑިވްސް ގެޓަވޭސްއިން ބުނެއެވެ.

މީގެ އިތުރުން މޯލްޑިވްސް ގެޓަވޭސްއިން ބުނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ބައިނަލްއަގުވާމީ ޓްރެވަލް ޓްރޭޑް ޝޯ ނުވަތަ ޓީޓީއެމް ފެއާ ބޭއްވުމަށް ފަތުރުވެރި ކަމާ ބެހޭ ވުޒާރާގެ އިތުރުން އެމްއެމްޕީއާރުސީގެ ފަރާތުން ލިބެމުން އަންނަ ތަރުހީބު ވަރަށް ބޮޑު ކަމަށެވެ.

މިއަހަރުގެ ޓީޓީއެމް ފެއާ ކުރިއަށްދާނީ އަންނަ ޖޫން މަހުގެ 11 އިން 13 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މިފެއާގެ ގޯލްޑް ޕާޓްނަރަކަށް ހަމަޖައްސާފައި ވަނީ ހޮސްޕިޓޭލީ އެންޑް ރީޓެއިލް ސިސްޓަމްސް، އެޗްއާރުއެސް އިންޓަނޭޝަނަލް އެވެ. އެޗްއާރުއެސް އިންޓަނޭޝަނަލްއަކީ ބައިނަލްއަގްވާމީ ފެންވަރުގައި އައިޓީ ދާއިރާގައި މީގެ ކުރިން ވެސް ހަރަކާތްތެރިވާ ކުންފުންޏެއްކަން ފާހަގަ ކުރެވެއެވެ.