ދީބާޖާގެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ސިއްރުކުރި ނަމަވެސް އެމައްސަލައިގެ ކުރިޔަށް ހުރި އަޑުއެހުންތައް ހުޅުވާލާނެ ކަމުގައި ސިވިލްކޯޓުން ބުނެފިއެވެ.

އެކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 1124/Cv-C/2014 ޤަޟިއްޔާގެ ހުކުމް ތަންފީޒު ކުރުމާއި ގުޅޭ ގޮތުން އެކޯޓުގައި ކުރިޔަށް ގެންދާ މައްސަލައިގެ ފުރަތަމަ އަޑުއެހުން ސިއްރު ކުރީ، ޤާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަމްބަރުގައިވާ ގޮތުގެ މަތިން ފަނޑިޔާރުންނަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ. އެހެން ނަމަވެސް ކުރިޔަށް ހުރި އަޑުއެހުންތައް ހުޅުވާލާނެ ކަމުގައި އެބަޔާނުގައި ބުނެފައިވެއެވެ،

ދީބާޖާ ކުންފުންޏަށް ދައުލަތުން 348 މިލިއަން ދައްކަން ކޮށްފައިވާ ހުކުމްގެ އިސްތިއުނާފު މަރުހަލާ ނިމުމަށްފަހު، އެ ހުކުމްތަންފީޒު ކުރުމުގެ ގޮތް މަސައްކަތް ސިވިލްކޯޓުން ފަށައި ބޭއްވި ފުރަތަމަ އަޑުއެހުން ސިއްރު ކުރުމުން އެކަމަށް ވަރަށް ގިނަ ފަރާތްތަކެއް ފާޑުކިޔުންތައް އަމާޒުވެފައި ވެއެވެ.

ސިވިލްކޯޓުން ހުކުމް ތަންފީޒުކުރުމުގެ މައްސަލަތައް ކުރިޔަށް ގެންދާގޮތް ބަޔާންކޮށް ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެކޯޓުން އިސްނަގައިގެން ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ކުރިއަށް ގެންދަނީ ކަނޑައެޅި ބަޔާންވެފައިވާ އިޖުރާއަތްތަކާއި އެއްގޮތަށް ކަމަށެވެ.

އެހެން ނަމަވެސް ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ބާތިލްކޮށް ދިނުމަށް ބަންޑާރައިބުގެ ފަރާތްޕުޅުން އެމައްސަލަ ކޯޓަށް ހުށައަޅުއްވާފައިވަނީ "ކޯޓުން އިސް ނަގައިގެން ހުކުމް ތަންފީޒު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލާ" ހިލާފަށް އެ މައްސަލަ ކުރިއަށް ގެންދާތީ ކަމަށް ބުނެއެވެ.

ދީބާޖާއަކީ ރައީސް ނަޝީދުގެ ސަރުކާރުގައި އުތުރު ޕްރޮވިންސްގައި ހިމެނޭ ނ، ރ، ބ އަދި ޅ އަތޮޅުގައި ދަތުރުފަތުގެ ހިދުމަތް ދިނުމަށް ހަވާލު ކުރި ކުންފުންޏެވެ. އެ އެއްބަސްވުން ރައީސް ވަހީދުގެ ސަރުކާރުގެ ދުވަސްވަރު ބާތިލްކުރުމުން، ދީބާޖާގެ ފަރާތުން ސިވިލްކޯޓަށް ހުށައެޅި މައްސަލައިގައި އެކުންފުންަޏަށް 348 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ކޯޓުން ޙުކުމް ކުރިއެވެ. އެހެން ނަމަވެސް 2014 ވަނަ އަހަރު އިސްތިއުނާފު މަރުހަލާގައި ހައިކޯޓުން އެޙުކުމް ބާޠިލްކޮށްފައި ވަނިކޮށް ސުޕްރީމްކޯޓުން ވަނީ ދަށުކޯޓުގެ ޙުކުމް ދަމަހައްޓައި ދީބާޖާ އާއި އެއްކޮޅަށް މައްސަލަ ނިންމާފައެވެ.