އައްޑޫ ޓާޝަރީ ހޮސްޕިޓަލުގެ ހުވަފެން ވަރަށް އަވަހަށް ހަގީގަތަކަށްވެގެންދާނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ހެލްތް މިނިސްޓްރީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަމީން ވިދާޅުވީ ޓާޝަރީ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ކޮށްފައި ހުރީ އެންމެ ރަނގަޅަށް ނޫންކަމަށް އަދިވެސް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުން ބޮޑު ހަރަދުކޮށްގެން ކުރަން ފަށާފައި ހުރި މަސައްކަތްކަށް ވުމުން އެމަސައްކަތް ހުއްޓާލެވެން ނެތްކަމަށް އަމީން ވިދާޅުވިއެވެ.

އައްޑޫ ޓާޝަރީ ހޮސްޕިޓަލަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިމާރާތްކުރި އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގެ ބަދަލުގައި އެއިމާރާތް ހޮސްޕިޓަލަކަށް ބަދަލުކުރުމަށް 2017 ވަނަ އަހަރު ރައީސް ޔާމީން އަބްދުލްގައްޔޫމް ފެށްޓެވި މަސައްކަތެކެވެ.