ށ.ޅައިމަގު މާލެ ދަތުރުކުރާ ބޯޓެއްކަމުގައިވާ ކުރިމަގުގައި ކައްކާ މީހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ލުތުފަރު މަރާލީ އޭނާ އެއްޖިންސުން ގުޅުން ހިންގާތީކަމަށް ބުނެ ކަމަށް ފުލުހުން ބުނެފިއެވެ.

މިމައްސަލަ އާއި ގުޅިގެން މައުލޫމާތު ދިނުމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީރިޔަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުގެ ހެޑް، ސްޕްރިޑެންޓް އޮފް ޕޮލިސް ހަޝަން ޝިފާއު ވިދާޅުވީ، ލުތުފަރު ވަނީ އޭނާ އާއެކު އެބޯޓުގައި މަސައްކަތް ކުރި އެހެން ފަޅުވެރިންނާއެކު ޖިސްނީ ގުޅުން ހިންގަން މަސައްކަތް ކޮށްފައި ކަމަށެވެ. އަދި ލުތުފަރު މަރާލީ އެކަމުގައި ނުރުހުމުގައި ކަމަށް ބެލެވޭ ކަމަށް ޝިފާޢު ވިދާޅުވިއެވެ.

ކުރިމަގު ބޯޓުގައި ލުތުފަރާއެކު ފަސް ބިދޭސީން މަސައްކަތް ކުރަމުންދިޔަ ކަމަށާއި ލުތުފަރު މަރާލީ އޭނާގެ ކަރުގައި ހިފާ ނޭވާ ހާސްކޮށްގެން ކަމަށް ޝިފާޢު ވިދާޅުވިއެވެ.

މިހާދިސާ ހިނގާފައިވަނީ 21 އޭޕްރީލް ވަނަ ދުވަހުގެ ރޭ 930 ހާއި 1030 ދެމެދުގެ ވަގުތެއްގައި ކަމަށާއި އެވަގުތު ބޯޓު ތެރޭން ބާރު އަޑުތަކެއް އިވިގެން އެއް ގަމުގައި ތިބި ބައެއްމީހުން އެއަޑާ ގުޅޭގޮތުން ބޯޓު ތެރޭގައި ތިބި މީހުންނާ ސުވާލު ކޮށްފައި ވާކަމަށް ޝިފާޢު ވިދާޅުވިއެވެ.

އެކަމަށް ޖަވާބު ދެމުން ބޯޓުގެ އެއް ފަޅުވެރިއެއް ކަމުގައިވާ ނޫރުލް އިސްލާމް އެއަޑަކީ ފޯނުން އޭނާގެ އަންހެނުންނާއި ޒުވާބު ކުރި އަޑުކަމަށް ބުނެ އޮޅުވާލަން މަސައްކަތް ކޮށްފައިވާ ކަމަށް ތަހްޤީޤަށް އެނގިފައި ވާކަމަށް ޝިފާޢު ވިދާޅުވި އެވެ. އޭރު ލުތުފަރުގެ މަރާލެވިފައިވާ ހަށިގަނޑު އޭނާ މަރާލި ތަންކަމުގައިވާ ބޯޓުގެ ވާތް ފަރާތު ދިރުނބާކޮޅާ ހިސާބު ތައްޓުމަތީގައި އޮތްކަމަށާއި ލުތުފަރުގެ ހަށިގަނޑު ކައިރީގައި އޭނާ މަރާލުމުގައި ދެން އުޅުނު ދެމީހުން ފިލައިގެން ތިބިކަމަށް ޝިފާޢު ވިދާޅުވިއެވެ.