ޣައްޒާ-އިސްރާއީލު ވަކިކުރާ އިމުގެ ސަރަހައްދުގައި އިސްރާއީލުގެ އުދުވާނީ ބާރުތަކުން ހަމަލާދީ ފަލަސްތީނުގެ 50 އާ ގާތްކުރާ އަދަދަކަށް މީހުން ޒަޚަމްކޮށްލައިފިއެވެ.

އިސްރާއީލު ސިފައިން ފަލަސްތީނު އާންމުންގެ ގަޔަށް ބަޑިޖެހީ، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ބޭރުކޮށްލެވުނުތާ 71 އަހަރު ފުރުމާ ދިމާކޮށް "ނަކްބާ" ގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފަލަސްތީނުގެ އެތައްހާސް ރައްޔިތުން ސަރަހައްދީ އިމަށް ޖަމާވެ އިސްރާއީލާ ދެކޮޅަށް މުޒާހަރާ ކުރަމުން ދަނިކޮށެވެ.

"ނަކްބާ" ގެ ދުވަހަކީ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލޭ ކިއުނު ދައުލަތެއް 1948 ވަނަ އަހަރު އުފެއްދުމާ ގުޅިގެން އެކަމުގެ މައްޗަށް ހިތާމަފާޅުކޮށް ކޮންމެ އަހަރަކުވެސް ފަލަސްތީނުގެ ރައްޔިތުން ފާހަގަކުރާ ދުވަހެކެވެ. މިއީ ފަލަސްތީނު ބިމުގައި އިސްރާއީލު އުފެއްދުމާ ގުޅިގެން ގެދޮރުދޫކޮށް ދިޔަ ނުވަތަ ގަދަކަމުން ގެދޮރުން ނެރެލެވުނު ފަލަސްތީނު 700،000 ރައްޔިތުންގެ ހައްގުގައި ފާހަގަކުރާ ދުވަހެއްވެސް މެއެވެ.

"ނަކްބާ" ގެ ދުވަސް ފާހަގަ ކުރިޔަނުދޭން އިސްރާއީލުން ވަރަށް ބޮޑެތި ފިއްތުންތައް ކުރިމަތި ކޮށްފައި އޮވެއެވެ. ސަބަބަކީ އެދުވަހަކީ އިސްރާއީލުގެ އުދުވާނީ ބާރުތަކުގެ ކުރިމަތީގައި ބިރުފަހަނައަޅައި، ފަލަސްތީނު ރައްޔިތުން ގިނަ ހަރަކާތްތަކެއް ހިންގާ ދުވަހަކަށް ވާތީއެވެ.

"ނަކްބާ" ގެ ދުވަހަކީ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި، ޣައްޒާއާއި، އަދި އިސްރާއީލުގެ ބާރުގެ ދަށުގައި އޮންނަ އިރުމަތީ ގުދުސްގައާއި، އިސްރާއީލުގެ ރައްޔިތުންގެ ގޮތުގައި އުޅޭ ފަލަސްތީނު ރައްޔިތުންވެސް އިސްރާއީލުގެ ސަލާމަތީ ބާރުތަކާ ދެކޮޅަށް ނުކުންނަ ދުވަހެކެވެ.