ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ހުޅުވާލައިގެން މޯލްޑިވްސް ސޮކާ މޭޓްސްއިން އިންތިޒާމުކުރާ "ރަމަޒާން ވެޓެރަންސް ކަޕް 2019" ގައި ކުޅުނު ތިންވަނަ މެޗުންވެސް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވެއްޖެ އެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން މާޒިޔާ މޮޅުވީ ވިކްޓަރީ ސްޕޯޓްސް ކްލަބު އަތުން 3-0 އިން ނެވެ.

އެއް ނަންބަރު ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 26 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މިގޯލް މާޒިޔާއަށް ކާމިޔާބުކޮށްދިނީ އާދަމް ލަތީފް އެވެ. މާޒިޔާއަށް ލީޑު ފުޅާކޮށްދިން ގޯލް 49 ވަނަ މިނެޓުގައި މުހައްމަދު އަރީފް ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ތިންވަނަ ގޯލް 54 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަބްދުލް ވާހިދު މުހައްމަދެވެ.

މި މެޗުގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވިކްޓަރީގެ އަހުމަދު ޝާހިދެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މާޒިޔާގެ މުޚްތާރު ނަސީރު (ޓޫކިލޯ) އެވެ.

މިއަހަރުގެ މުބާރާތުގައި 7 ޓީމެއް ވާދަކުރާއިރު، މުބާރާތް ކުރިއަށްދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމެއް ފައިނަލަށް ދާގޮތަށެވެ.

ލީގު ބުރު ނިމޭއިރު، އެންމެ ގިނަ ޕޮއިންޓު ލިބޭ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ކުޅޭ ސެމީ ފައިނަލް މެޗަށްފަހު އެމެޗުން މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭނެއެވެ.