މިހާތަނަށް އުފައްދާފައިވާ އެންމެ ބާރު ދުވެލީގައި ދަތުރުކުރާ "ބުލެޓް ޓްރެއިން" ޖަޕާނުގައި ޓޭސްޓު ކުރަން ފަށައިފިއެވެ.

"އަލްފާ-އެކްސް"ގެ ނަން ދީފައިވާ މި ރޭލަކީ ގަޑިއަކު 400 ކިލޯމީޓަރަށް ދަތުރުކުރުމުގެ ކުޅަދާނަކަން ލިބިފައިވާ ރޭލެކެވެ. މިރޭލުގެ ޓެސްޓުތަކަށް 3 އަހަރު ހޭދަވާނެ ކަމަށް ގަބޫލް ކުރެވެއެވެ. މިރޭލު އާންމު ދަތުރުފަތުރު ތަކުގައި ބޭނުންކުރަން ފަށާނީ 2030 ވަނަ އަހަރުއެވެ.

އާންމު ދަތުރުފަތުރު ތަކުގައި މިރޭލު ދުއްވަން ހަމަޖެހިފައިވާ އެންމެ ބާރު ދުވެއްޔަކީ ގަޑިއަކު 360 ކިލޯމީޓަރުގެ ބާރު މިނުގައެވެ. މިއީ، މިވަގުތު ދުނިޔޭގައި އޮތް އެންމެ ބާރު ދުވެލީގެ ރޭލުގެ ދުވެއްޔާއި އަޅާ ބަލާއިރު 10 ކިލޯމީޓަރު ބާރު ދުވެއްޔެކެވެ. މިހާރު އޮތް އެންމެ ބާރު ދުވެލީގައި ދަތުރުކުރާ ޗައިނާގެ ރޭލަކީ "ފޫޝިންގް"ގެ ނަން ދީފައިވާ ރޭލެކެވެ.

ޖަޕާނުގެ އަލްފާ-އެކްސް ރޭލުގައި 10 ބައި ހުންނާނެއެވެ. އަދި، މި ރޭލުގެ ޓެސްޓުތައް ކުރިއަށްދަނީ ޖަޕާނުގެ ދެރަށެއް ކަމަށްވާ ސެންޑާއީ އާއި އައޮމޯރީ އާއި ދެމެދުގައެވެ. އަދި ޓެސްޓުތައް ހަދަނީ ދަންވަރުގެ ވަގުތުގައި، ރޭލު ލައިންތައް އާންމުކޮށް ބޭނުން ނުކުރާ ވަގުތުގައެވެ.

ޖަޕާނުގައި މިފަދަ އެހެން ރޭލެއްގެ ޓެސްޓުތައްވެސް މިހާރުދަނީ ހަދަމުންނެވެ. "ޝިންކަންސެން އެން 700 އެސް" ގެ ނަން ދީފައިވާ މިރޭލަކީ ގަޑިއަކު 300 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރާ ރޭލެކެވެ.

މި ރޭލު އާންމު ދަތުރުފަތުރުގައި 2020 ވަނަ އަހަރު، ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ކަސްރަތު މުބާރާތުގެ ކުރީން ބޭނުންކުރާން ފަށާނެއެވެ.

ނަމަވެސް، މިއަށްވުރެ ބާރަށް ދަތުރުކުރާ ރޭލެއް 2015 ވަނަ އަހަރު ޖަޕާނުންވަނީ އުފައްދާފައެވެ. ދަގައްފާނުގެ ބާރުން ދަތުރުކުރާ މި ރޭލަކީ، ގަޑިއަކު 603 ކިލޯމީޓަރު ބާރު މިނުގައި ދަތުރުކުރާ ރޭލެކެވެ. ނަމަވެސް، މި ރޭލު އާންމު ދަތުރުފަތުރު ތަކުގައި ބޭނުންކުރަން އަދި ނިންމާފައެއް ނުވެއެވެ.