ކޮންމެ އަހަރަކުވެސް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ރަމަޟާންމަހު ކުރިއަށްގެންދާ ކްރިކެޓް ކާނިވަލްގެ އޯޕަން ޓޭޕްބޯލް ކްރިކެޓް މުބާރާތުގެ ފައިނަލަށް އެމްއޭސީއެލް އަދި ޝުގަރ ކޯން ދަތުރުކޮށްފި އެވެ.

ފައިނަލްގެ ފުރަތަމަ ޖާގަ އެމްއޭސީއެލް ހޯދީ މިއަދު ކުޅުނު ސެމީފައިނަލް ފުރަތަމަ މެޗުގައި ކޭޑީއެމް އަތުން 4 ވިކެޓުން މޮޅުވެގެންނެވެ.

މިމެޗުގައި ކޭޑީއެމްއިން ވަނީ ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 4 ކުޅުންތެރިން ނުބައިވެގެން 106 ލަނޑު ހަދާފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 29 ލަނޑު ހެދި އަހުމަދު މުނާޒް އާއި 28 ލަނޑު ހެދި ހަސަން ހާޒިގެވެ.

ޖަވާބުގައި އެމްއޭސީއެލް ކުޅެންއަރާ 4 ކުޅުންތެރިން ނުބައިވެގެން 110 ލަނޑު ހަދާ މެޗު ކާމިޔާބުކުރިއެވެ.

ފައިނަލްގެ ފަހު ޖާގަ ޝުގަރ ކޯން ހޯދީ ސެމީފައިނަލް ދެވަނަ މެޗުގައި އޭއާރްސީ އަތުން 1 ލަނޑުން މޮޅުވެގެންނެވެ.

މެޗުގައި ޝުގަރ ކޯން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 86 ލަނޑު ހެދިއެވެ. އެޓީމުގެ އަހުމަދު އިކްރަމް 28 ލަނޑު ހެދިއިރު، އާދަމް ޒަމީލް ވަނީ 25 ލަނޑު ހަދާފައެވެ. ޖަވާބުގައި އޭއާރްސީ ކުޅެންްއަރާ 8 އޯވަރު ހަމަވިއިރު ހެދިފައިވަނީ 85 ލަނޑެވެ.

ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި މާދަމާ ކުޅޭ ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 04:15 ގައެވެ.