މޫދުގައި ދިމާވާ ހިތާމަވެރި ހާދިސާތައް ހައްލުކުރުމުގެ ގޮތުންނާއި އާންމުންނަށް ސަލާމަތީގޮތުން ބޭނުންވާ މައުލޫމާތު ދިނުމަށްޓަކައި މިނިސްޓްރީ އޮފް ޓުއަރިޒަމްއިން އިސްނަގައިގެން ދިވެހި ފުލުހުންގެ ހިދުމަތާއި ގައުމީ ދިފާއީ ބާރާއި ގުޅިގެން ހުޅުމާލޭގެ މޫދު ސަރަހައްދުގައި މައުލޫމާތު ބޯޑެއް ބަހަައްޓައިފި އެވެ.

ހުޅުމާލޭގެ ޓްރެކް ސަރަހަށްދުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މައުލޫމާތު ބޯޑު އިފުތިތާހުކޮށްދެއްވީ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުއާއި، މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު އެވެ.

މި ބޯޑަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މޫދަށްއެރޭ ސަރަހައްދު ފާހަގަކޮށް ސަލާމަތީ ގޮތުން ބޭނުންވާ މައުލޫމާތާއި، ހެދުން އެޅުމުގެ މިންގަނޑު ބަޔާންކޮށް ފަތުރުވެރިންނާއި އާންމުން ރައްޔިތުންނަށް މައުލޫމާތު ދިނުމަށްޓަކައި ބަހައްޓާ ބޯޑުތަކެއް ކަމަށް ޓުއަރިޒަމް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މައުލޫމާތު ބޯޑުގެ ފުރަތަމަ ސެކްޝަންގައި ހިމަނާފައިވަނީ ބޯޑު ހަރުކުރެވިފައިވާ ތަނުގެ މައުލޫމާތާއި އެމެޖެންސީ ހާލަތްތަކުގައި ގުޅަންޖެހޭނެ ނަންބަރުތަކެވެ. އަދި ބޯޑުގެ ދެވަަނަ ސެކްޝަންގައި ހިމަނާފައިވަނީ ގޮނޑުދޮށުގައި ކުރުން މަނާ ކަންތަށްތަކެވެ.

ބޯޑުގެ ތިންވަނަ ޝެންޝަންގައި މޫދުގައި ހަރުކޮށްފައިވާ ދިދަތަކުގެ މައުލޫމާތާއި އެ ދިދަތައް ހުންނަ ސަރަހައްދުގައި ކުރުން ހާއްސަކޮށްފައިވާ ކަންތަށްތަކުގެ ތަފްސީލް ހިމަނާފައިވާއިރު ބޯޑުގެ ހަތަރުވަނަ ސެކްޝަންގައިވަނީ ގޮނޑުދޮށުގައި ހެދުން އެޅުމުގެ ތަފްސީލެވެ.

މިއަދު ބޭއްވި ރަސްމިއަޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މި މަސައްކަތަކީ ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި އަދި ދިވެހި ރާއްޖޭގެ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވަރަށް މުހިންމު އަދި ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިއަދު ތާރަފްކުރި މައުލޫމާތު ބޯޑުގެ ސަބަބުން މީހުން ދިރިއުޅޭ ރަށްތަކުގައި ހެދުން އެޅުމުގެ މިންގަނޑު ދިވެހި ރާއްޖޭގެ ގާނޫނާއި ގަވައިދު ތަކުގެ ދަށުން، އެފަދަ ކަންކަން އޮންނަ ގޮތާއި އުސޫލު، މަންޒަރާއި އެއްކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފެންނާނެ ކަމަށެވެ.

"އަޅުގނޑުމެންގެ ހިސާބުތަކުން ބަލާއިރު ދިވެހިރާއްޖޭގަ ކޮންމެ އަހަރަކުވެސް ވަރަށް ގިނަ އަދަދެއްގެ ހާދިސާތައް މޫދުގައި އެބަ ހިނގާ. އަޅުގަނޑުމެން ހަވާލުވިއިރު މިދިޔަ އަހަރު 39 ހިތާމަވެރި ހާދިސާތަށް ހިނގާ މީހުން ނިޔާވެފައިވޭ. އަޅުގަނޑު ގަބޫލުކުރާގޮތުގައި މި ބޯޑުތަކާ އެއްކޮށް އަދި ކުރިޔަށްއޮތް ތަނުގައި ދިވެހި ރާއްޖޭގެ ކޮންމެ ރަށަކަށް ލައިފްގާޑުން ތާރަފްކުރުންވެސް ވަނީ ހަމަޖެހިފައި." މިނިސްޓަރު ވިދާޅުވިއެެވެ.

މިނިސްޓަރު ވިދާޅުވީ ރަމަޟާން މަހަށްފަހު ލައިފްގާޑު ތާރަފްކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. މިނިސްޓްރީގެ އަމާޒަކީ ދިވެހިން ދިވެހިންގެ މޫދުތަށް ރައްކާތެރިތަނަކަށް ހެދުމަށްޓަކައި މަސައްކަތްކުރުމަށް ނެރުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދިވެހި ވަޒީފާއެއްގެ ގޮތުގައި ދިވެހި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ލައިފްގާޑުން ތާރަފްކުރަން މިނިސްޓްރީ އޮފް ޓޫރިޒަމުން ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަންޑުމެންގެ އަމާޒަކަށް މިބަލަނީ މި ބޯޑުތަކުގެ އިތުރުން މި ބޯޑުތައް ކައިރީގައި މޫދަށްއެރޭ ސަރަހަށްދުތަކުގައި ލައިފް ގާޑުން ޑިއުޓީގައި ބޭތިއްބުން. ހަމަ އެއާއެކު ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އޮންނަ ސަލާމަތާއި ރައްކާތެރިކަމުގެ އާލާތްތަށް ހަރުކޮށް ނިންމުން. އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރުގެ ޓުއަރިޒަމް ދުވަސް އަންނަންވާއިރާށް މިކަންކަން އަމަލީގޮތުން ނެރެ ދެއްކުން" މިނިސްޓަރު ވިދާޅުވިއެެވެ.

މި ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ދިވެހި ފުލުހުންގެ ޓުއަރިސްޓް ފުލުހުން ބުނީ، މައުލޫމާތު ބޯޑުގައި ފާހަގަކޮށްފައިވާ ކަންތަށްތަކަކީ ޓުއަރިސްޓް ޕޮލިސްގެ ތަޖުރިބާ ބޭނުންކޮށްގެން ފާހަގަކޮށްފައިވާ ކަންތަށްތައް ކަމަށެެވެ. އަދި ބޯޑު ޑިޒައިން ކޮށްފައިވަނީ ރާއްޖޭން ބޭރުގައިވެސް މިފަދަ ބޯޑުތައް ހުންނާނެ ގޮތްތަށް ބަލާފައި ކަަމަށްވެސް ފުލުހުން މައުލޫމާތު ދީފައި ވެއެވެ.