އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރިޔާސަތު ފުރަތަމަ ފަހަރަށް މުސްލިމް އަންހެން ބޭފުޅަކު ބަލަހައްޓަވައި، އެމެރިކާގެ ސިޔާސީ ތާރީޚުގެ ސޮފްހާތަކުން ޖާގަ ހޯއްދަވައިފިއެވެ.

ހައުސް އޮފް ރެޕްރެރެންޓޭޓިވްސްގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ، ހައުސް އޮފް ރެޕްސްގައި މިޗިގަން ތަމްސީލު ކުރައްވާ ޑިމޮކްރޭޓް މެމްބަރު ރާޝިދާ ތުލައިބުއެވެ.

ޖަލްސާއަށްފަހު ރާޝިދާ ތުލައިބްވަނީ އެކަމަނާ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ޖަލްސާގެ ރިޔާސަތުގައި އެކަމަނާ އިންނެވި ފޮޓޯއެއް ޓްވީޓް ކުރައްވައި، ރިޔާސަތުގެ ފުރަތަމަ ތަޖުރިބާ ހިއްސާކުރައްވާފައެވެ. ފޮޓޯއާއެކު ކުރެއްވި ޓްވީޓްގައި އެކަމަނާ ވިދާޅުވެފައިވަނީ، މިއީ ވަރަށް ފަޚުރުވެރިވެވަޑައި ގެންނެވި ވަގުތުކޮޅެއް ކަމަށެވެ.

ރާޝިދާ ތުލައިބް، އެމެރިކާގެ ސިޔާސީ މައިދާނުގައި ތާރީޚްގެ ސޮފްހާތަކުން ޖާގަ ހޯއްދެވީ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާވައިގެން އެކަންޏެއް ނޫނެވެ. އެކަމަނާއަކީ އެމެރިކާއަށް ހިޖުރަކޮށްފައިވާ ފަލަސްތީނު ދަރިކޮޅުން އެމެރިކާގެ ކޮންގްރެސްއަށް އިންތިޚާބުވެވަޑައި ގެންނެވި ފުރަތަމަ މެމްބަރުވެސް މެއެވެ. ދުނިޔޭގެ މީޑިއާގެ ފަލަ ސުރުޚީއަށް އެކަންވެސް އެރިއެވެ.

ރާޝިދާ ތުލައިބުގެ އިތުރުން، މިނެސޯޓާ ތަމްސީލު ކުރައްވާ ޑިމޮކްރޭޓް މެމްބަރު އިލްހާން އުމަރަކީ އެމެރިކާގެ ތާރީޚްގައިވެސް ކޮންގްރެސްއަށް އިންތިޚާބުކުރެވުނު ފުރަތަމަ މުސްލިމް އަންހެން ދެބޭފުޅުންނެވެ.

ރާޝިދާ ތުލައިބްގެ ޓްވީޓްގައި ވިދާޅުވެފައިވަނީ، އެމެރިކާގައި ސްކޫލަށް ދާން ފެށިއިރު އިނގިރޭސިބަހުން ވާހަކަވެސް ދައްކަން ނޭނގޭ މީހަކު މިއަދު ހައުސްގެ ރިޔާސަތު ބަލަހައްޓަން ފުރުސަތު ލިބުމުން "ނޮޓް ބޭޑް" ކަމަށެވެ. އަދި އެކަމަނާއަކީ އާއިލާގެ އެންމެ ފުރަތަމަ ހައި ސްކޫލް ގުރެޖުއޭޓް އަދި ފުރަތަމަ ކޮލެޖް ގްރެޖުއޭޓް ކަމަށްވެސް ރާޝިދާގެ ޓްވީޓްގައި ފާހަގަ ކުރައްވާފައި ވެއެވެ.

ރާޝިދާ ތުލައިބް، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރިޔާސަތު ބަލަހައްޓަވައިގެން ތާރީޚްގެ ތެރެއަށް ވެދެވަޑައި ގެންނެވިއިރު، މިދިޔަ ހަފްތާގެ ހުކުރު ދުވަހުވެސް ހައުސްގައި ތާރީޚީ ކަމެއް ހިނގާފައި ވެއެވެ. އެދުވަހަކީ ހައުސް އޮފް ރެޕްސްގެ ތާރީޚްގައިވެސް މިހާތަނަށް އެންމެ ޒުވާން ބޭފުޅަކު ރިޔާސަތު ބެލެހެއްޓެވި ދުވަހެވެ. އެދުވަހުގެ ރިޔާސަތުގައި އިންނެވީ އެލެކްޒަންޑިރިއާ އޮކާސިއޯ-ކޯޓޭޒްއެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރިޔާސަތު އާންމުކޮށް ބަލައްޓަވަނީ ހައުސް ސްޕީކަރ ނުވަތަ ރައީސެވެ. ހައުސް އޮޕް ރެޕްސްގައި އަޣުލަބިއްޔަތު އޮންނަނީ ޑިމޮކްރަޓިކް ޕާޓީއަށް ކަމުން ރައީސްކަމުގައި ހުންނަވަނީ ޑިމޮކްރޭޓެކެވެ. ރިޔާސަތު ބެލެއްޓުން އޮންނަނީ ރައީސަށް ނުވަތަ ޕާޓީން ކަނޑައަޅާ މެމްބަރުންނަށެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއަށް އިންތިޚާބު ކުރެވުނީއްސުރެ އެމެރިކާގެ މީޑިއާގެ ސަމާލުކަން ރާޝިދާ ތުލައިބްއަށް ހުއްޓިފައި ވެއެވެ. ސަބަބަކީ ކޮންގްރެސްއަށް ވެދެވަޑައި ގަތުމާއެކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗް ކުރަން ޑިމޮކްރޭޓުން ކުރަމުންދާ މަސައްކަތުގައި އެންމެ ކުރީގައި އުޅުއްވާ އެއް ބޭފުޅަކީ އެކަމަނާކަމުންނެވެ.