ލ. ކުނަހަންދޫން ބޯފެން ހުސްވަމުންދާތީ ރައްޔިތުންނަށް ބޯފެން ލިބުން ދަތިވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ކުނަހަންދޫ ކައުންސިލްގެ ނައިބް ރައީސް ލިރުޣާމް ސައީދު ވިދާޅުވީ ވާރޭ ނުވެހި ދުވަސްތަކެއް ވެފައިވާއިރު މި ރޯދަމަހާ ދިމާކޮށް އެރަށުން ބޯފެން ލިބުން ދަތިވެފައިވާ ކަމަށެވެ.

"ވަރަށް ދަތިކޮށް ރައްޔިތުން މިއުޅެނީ. ބޯފެން ވަނީ ހުރިހާ ގެއަކުންހެން އެއްކޮށް ހުސްވެފައި. ބަނދަރުމަތީގައި ހުރި އާއްމު ފެންތާންގީތަކުން އެންމެން ފެންގެންދަނީ. ދޯނިފަހަރުންވެސް ބޭނުންކުރަނީ ހަމަ އެފެން. އެވެސް މިހާރު ހުސްވަނީއެ." ލިރުޣާމު ވިދާޅުވި އެވެ.

ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ ބޯފެން ލިބުން ދަތިވުމުން އެކަން ކަމާ ބެހޭ ފަރާތްތަކަށް މި މެއި މަހުގެ ދެވަނަ ދުވަހުން ފެށިގެން ކައުންސިލުން އަންގަމުންދާ ކަމަށެވެ. ނަމަވެސް އެކަމަށް އަދި އަމަލީ ސިފައެއް އައިސްފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

ލިރުޣާމު ވިދާޅުވީ ރަށުގެ ރައްޔިތުން އާއްމުކޮށް ފެން ބޭނުންކުރަނީ ވާރޭފެން ތާންގީގައި ރައްކާކޮށްގެން ކަމަށާއި، ނަމަވެސް މިފަހަކަށް އައިސް ވާރޭ ނުވެހި ގިނަދުވަސްތަކެއް ވުމުން ރަށުން އެއްކޮށްހެން ބޯފެން ހުސްވެފައިވާ ކަމަށެވެ. އަދި ގޭގެއިންނާއި މަސްދޯނި ފަހަރުންވެސް މިހާރު ރަށުގެ ބަނދަރުގައި ހުރި އާއްމު ފެންތާންގީބަރިން ފެން އުފުލަމުންދާއިރު، އެ ތާންގީތަކުގައިވެސް މިހާރު ފެން ހުރީ ވަރަށް މަދުން ކަމަށްވެސް ކައުންސިލުން ވަނީ ބުނެފަ އެވެ.