ޔަމަންގެ ވެރިރަށް ސަންއާގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ސައުދީ އަރަބިއްޔާއާއި، ޔޫއޭއީގެ މަތިންދާ ބޯޓްތަކުން ބޮން އަޅައިފިއެވެ.

ސައުދީ އަދި ޔޫއޭއީ މަތިންދާ ބޯޓްތަކުން ދިން ހަމަލާތަކުގައި އާންމުންގެ ހަމީހުން މަރުވެފައިވާ ކަމަށާއި، މަރުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަދި މިހަމަލާތަކުގައި އިތުރު އެތައްބަޔަކު ޒަޚަމްވި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ސައުދީ، ޔޫއެއީ މަތިންދާ ބޯޓްތަކުން ސަންއާގައި އާންމުން ދިރިއުޅޭ 11 ތަނަކަށް ބޮންއެޅި ކަމަށާއި، ހޫޘީންގެ ތަންތަނާއެކު މިއަދު އެކަނިވެސް 19 ތަނަކަށް ބޮންއެޅި ކަމަށް، ސަންއާގައި ވެރިކަންކުރާ ހޫޘީން ހިންގާ އަލް-މާސިރާ ޓީވީން ބުނެފައި ވެއެވެ.

ޔަމަނުގެ ވެރިރަށަށް ސައުދީ އަރަބިއްޔާއާއި، ޔޫއޭއީގެ މަތިންދާ ބޯޓްތަކުން ބޮން މިއެޅީ، ސައުދީ އަރަބިއްޔާގެ މުހިންމު ތެޔޮ ހޮޅިތަކަކަށް، ޑްރޯން ބޭނުންކޮށްގެން ހަމަލާދިންތާ ދެދުވަސް ފަހުންނެވެ. ތެޔޮ ހޮޅިތަކަށް ހަމަލާދިނީ ހޫޘީންނެވެ.

ޔަމަނަށް ހަމަލާދޭ އަރަބި ކޯލިޝަނުން ނެރުނު ބަޔާނަކާ ހަވާލާދީ ސައުދީ އަރަބިއްޔާގެ އަލް އަރަބިއްޔާ ޓީވީން ބުނެފައިވަނީ، މިއަދުގެ ހަމަލާއަކީ، އުދުވާނުތައް ހިންގުމުގެ ގާބިލްކަން ހޫޘީންގެ ކިބައިން ނެތިކޮށްލުމަށް ދެވުނު ހަމަލާތަކެއް ކަމަށެވެ.

މިއަދުގެ ހަމަލާތައް ކާމިޔާބު ކަމަށާއި، ހަމަލާގެ ކުރިން އާންމުން އެ ހިސާބުތަކުން ދުރަށް ދިއުމަށް އިންޒާރު ކުރެވުނު ކަމަށްވެސް، ކޯލިޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.

ހޫޘީންގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އަލް-މާސިރާ ޓީވީން ބުނެފައިވަނީ، ސައުދީން އާންމުންގެ ތަންތަނަށް ބޮންއެޅީ ގަސްތުގައި ކަމަށެވެ. މިހަމަލާތަކުގައި އާންމުންގެ ހަމީހުން މަރުވިއިރު އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނޭ ކަމަށް ބުނެފައި ވެއެވެ. އަދި 52 މީޙުން ޒަޚަމްވި ކަމަށާއި، ޒަޚަމްވި މީހުންގެ ތެރޭގައި ހެލްތު ސެކްޓާގައި މަސައްކަތްކުރާ ރަޝިޔާގެ ދެ އަންހެނުންވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

2015 ވަނަ އަހަރުގެ މާޗްމަހުން ފެށިގެން ސައުދީ އަރަބިއްޔާ އިސްވެ އޮވެ އަރަބި ކޯލިޝަނަކުން ޔަމަނަށް ހަމަލާދެމުން ގެންދަނީ، ޔަމަނުގެ ވެރިކަމުގެ މައްޗަށް އަތްގަދަކޮށްގެން ތިބި ހޫޘީން ބަލިކުރުމަށެވެ.

ނަމަވެސް އަރަބި ކޯލިޝަނަށް މިހާތަނަށްވެސް އެކަން ކާމިޔާބުވާ ގޮތް ވެފައެއް ނުވެއެވެ. އޭގެ ބަދަލުގައި ޔަމަނުގެ އެތައްމިލިއަން ބަޔަކު މަރުވެ، އެތައް މިލިއަން ބަޔަކު ގެދޮރުނެތި މަގުމަތިވެ ރެފިއުޖީންގެ ގޮތުގައި ގައުމު ދޫކޮށް ގޮސްފައި ވާއިރު، މުޅި ގައުމު ވަނީ ސުންނާފަތި ކޮށްލާފައެވެ. ގައުމުގައި ތިބި ނިކަމެތި އާންމުން ދަނީ ބަނޑަށް މަރުވަމުންނެވެ.