ށ.ފޭދޫގައި އަންހެނަކަށް ރަހުމުކުޑަ އަނިޔާތަކެއް ދިން މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހަޅައިފިއެވެ.

ށ.ފޭދޫގައި ބަޔަކު އަނިިޔާތަކެއް ދީފައިވާ އަންހެނެއްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވީ މިހަފުތާ ތެރޭގައެވެ.

އެކަމާ ގުޅިގެން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވީ އަންހެނަކަށް ރަހުމުކުޑަ އަނިޔާތަކެއް ދީފައިވާކަމުގެ ރިޕޯޓު ލިބުމާއެކު އޭނާއަށް ބޭނުންވާ އެހީތެރިކަމާއި ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެ އަންހެންމީހާއާމެދު ލާއިންސާނީ އަމަލުތައް ހިންގި މީހުން ހޯދައި ހައްގު އަދަބުދީ އަންހެންމީހާއަށް އިންސާފު ހޯއްދަވައިދެއްވާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މިނިސްޓަރު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަންހެނަކަށް ރަހުމުކުޑަ އަނިޔާތަކެއް ދިން މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި މިހާރު ވަނީ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައި ކަމަށެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަނިޔާކޮށް، އެކަމުގެ އަދަބު ނުލިބޭނެ ކަމަށް ގަބޫލުކުރާ ވިސްނުން ނިމުމަކަށް ގެންނަންޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކަށް ބަލާއިރު ރޭގަނޑުގެ ވަގުތެއްގައި އަންހެންމީހާ ދަގަނޑު ހޮޅިދަނޑިއެއްގައި ބަނދެ ބޮލުގައި ގޯންޏެއް އަޅުވާފައި ހުރި މަންޒަރު ފެނެއެވެ.

މިއީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭ ހިނގާފައިވާ ކަމެއް ކަމަށާއި އެމީހާ އެތަނުން ސަލާމަތްކުރީ އެތާ ހުއްޓާ ފެނުނު އެރަށުގެ ބަޔަކު ކަމަށް ރަށު ކައުންސިލުން ވަނީ މައުލޫމާތު ދީފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 50 އަހަރުގެ މި އަންހެންމީހާއަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެކެވެ.

ފޭދޫ ކައުންސިލުން ބުނީ މި އަންހެންމީހާއަކީ ކައިވެނިވެސް ކޮށްގެން އުޅޭ މީހެއް ކަމަށެވެ. އޭނާގެ ފަސްދަރިން ތިބޭއިރު 18 އަހަރު ފުރިފައިވާ ކުދިންގެ ތެރެއިން ބައެއް ކުދިންނަކީވެސް ނުކުޅެދޭ ކުދިންނެވެ. އެމީހާ ދިރިއުޅެމުން އަންނަނީ ފިރިމީހާއާއި ދަރިންނާއެކު ވަކިން ގެއެއްގައި ކަމަށްވެސް ވެއެވެ.

ކައުންސިލުން ބުނީ އަންހެން މީހާގެ ހާލަތު ބަޔާންކޮށް ސަރުކާރުގެ ކަމާ ގުޅުންހުރި ވުޒާރާތަކަށް މި ހާދިސާއަށްވުރެ ކުރިންވެސް ސިޓީތައް ހުށަހަޅާފައިވާނެ ކަމަށެވެ.