ގެރިއާ ގުޅުންހުރި މައްސަލައެއްގައި އިންޑިއާގައި މުސްލިމެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފިއެވެ.

މިކަމެއް ހިނގާފައިވަނީ އިންޑިއާއިން ހިފައިގެންއުޅޭ ކަޝްމީރު ފަޅީގެ ފަރުބަދަމަތީ ސަރަހައްދެއްގައެވެ.

އަސްތައް ހުއިހައްޕާ މުސްލިމުންގެ ބަޔަކު ފަތިހުގެ ވަގުތުގައި އަސްތައް އެހެން ތާކަށް ގެންދިއުމުގެ މަސައްކަތުގައި އުޅެނިކޮށް، ގެރިއަށް ފާރަވެރިވާ ހިންދޫ ހަރުކަށި ބަޔަކުވަނީ މުސްލިމުންގެ ގަޔަށް ބަޑިޖެހުމަށްފަހު ފިލާފައެވެ.

ބަޑިޖެހުމުގެ ސަބަބުން އުމުރުން 50 އަހަރުގެ ނައީމް އަހްމަދު ޝާހް ނަމަކަށްކިޔާ މީހެއްގެ ބޮލަށް ވަޒަންއަރައި ވަގުތުން މަރުވި ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ. އަދި ނައީމްއާ އެކު ހުރި ޔާސީން ހުސައިން ޒަޚަމްވެފައިވާ ކަމަށްވެސް ރިޕޯޓް ކޮށްފައި ވެއެވެ.

ހާދިސާ ހިނގި ސަރަހައްދުގެ ޕޮލިސް އިންސްޕެކްޓަރ ޖެނެރަލް އެމްކޭ ސިންހާ ވިދާޅުވީ، މިއީ، ގެރިއާ ގުޅުންހުރި ކަމެއް ކަމަށް ބަލައިގެން ތަހްގީގު ކުރަމުންދާ ކަމަށެވެ. އަދި މިމައްސަލައިގެ ތުހުމަތުގައި ސުވާލު ކުރުމަށްޓަކައި މިހާތަނަށް ހަތްމީހަކު ހައްޔަރު ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަކު، އެ ސަރަހައްދުގެ އާންމުންވަނީ ރުޅިއައިސްގެން މުޒާހަރާކޮށް، ފުލުހުންނަށް އޮށްގަލުން ހަމަލާދީފައެވެ. އަދި އެތައް ވެހިކަލެއްވެސް ހަލާކުކޮށްލިއެވެ. އާންމުން ގޮވަމުންގެންދިޔައީ ތުހުމަތުގައި ހައްޔަރުކުރި އެންމެން އެމީހުންނާ ހަވާލު ކުރުމަށެވެ.

އާންމުން ކޮންޓްރޯލް ކުރަން ފުލުހުންނަށް ޖެހުނީ ކަރުނަގޭސް ޖަހާށެވެ. އެވަރުން ނުވެގެން މިހާރު އެހިސާބުގައިވަނީ ކާފިއު އިޢްލާން ކޮށް، އެތައްސަތޭކަ ސިފައިން ފޯރިއަށް ނެރެފައެވެ.

ގެރިއަކީ ހިންދޫންގެ ދީނުގައި މާތް އެއްޗެއް ކަމުގައި ދެކޭއިރު، ގެރި ކަތިލުމާއި، ގެރިމަހުގެ ވިޔަފާރިކުރުމުގެ ތުހުމަތުގައާއި، އަދި ގެރިމަސް ކައިއުޅޭ ކަމުގެ ތުހުމަތުގައި ހިންދޫ ގްރޫޕްތަކުން 2015 ވަނަ އަހަރުގެ މެއިމަހުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް 44 މުސްލިމުން މަރާލާފައި ވެއެވެ. މުސްލިމުން މަރާފައިވަނީ ތަޅައި އަނިޔާކޮށްގެންނާއި ބަޑިޖަހައިގެންނެވެ.

އިންޑިއާގެ ގިނަ ސްޓޭޓްތަކުގެ އިތުރުން، އިންޑިއާއިން ވެރިކަންކުރާ ކަޝްމީރު ފަޅީގައިވެސް ގެރި ކަތިލުމަކީ މަނާކަމެކެވެ. އެހެން ނަމަވެސް، އިންޑިއާގެ ވެރިކަމާ ދެކޮޅު ކަޝްމީރު ފަޅީގައި ގެރިމަސް ވިއްކުމަކީ އާންމު ކަމެކެވެ.

ގެރީގެ މައްސަލާގައި މުސްލިމުންނާ ދެކޮޅަށް ފާޅުކަންބޮޑު ގޮތެއްގައި ހިންދޫ ގްރޫޕްތަކުން ރަށުތެރެއަށް ނުކުމެ ޖަރީމާތައް ހިންގާންފެށީ އިންޑިއާގެ ވެރިކަމަށް 2014 ވަނަ އަހަރު ނަރެންދުރަ މޯދީގެ ބީޖޭޕީ އައި ހިސާބުންނެވެ.

މުޅި އިންޑިއާގައި ގެރީގެ ވިޔަފާރި ކުރުން މަނާކުރަން މޯދީގެ ސަރުކާރުން 2017 ވަނަ އަހަރު މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ހުއްޓުވީ އިންޑިއާގެ ސުޕްރީމް ކޯޓުންނެވެ.