އުމުރުން 15 އަހަރުގެ ކުއްޖަކު ވިހެއި ދަރިފުޅު މަރުވި ގޮތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ނިންމައިފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ ތުއްތު ދަރިފުޅުގެ މަރުގެ ހަގީގަތް ދެނެގަތުމަށްޓަކައި އެކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެކަމުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށެވެ.

ފުލުހުންނަށް މި މައްސަލަ ހުށަހެޅުނީ މިމަހުގެ 13 ވަނަ ދުވަހު ކަމަށް ބުނެއެވެ.

މި މައްސަލައިގައި ހިމެނެނީ 18 އަހަރު ނުވާ ކުޑަކުއްޖެއް ކަމަށް ވުމުންނާއި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީ މައްސަލައާއި އެ ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި އެ ކުއްޖާ ނިސްބަތްވާ ރަށްވެސް ހާމަނުކުރުމަށް މީޑިއާއަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މި އަންހެންކުއްޖާ ވިއްސީ ގޭގެ ފާޚާނާތެރޭ ކަމަށް ވެއެވެ. ދަރިފުޅުގެ ފޫޅުދަނޑި ބުރިކޮށްލަން އުޅުމުގެ ތެރޭގައި އަންހެންކުއްޖާއަށް ސީރިއަސް ގެއްލުންތަކެއް ލިބި، މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.