މަތީސާނަވީ އިމްތިހާނުން މަދުވެގެން ފަސް މާއްދާއިން އޭ ފާސް ހޯދުމުން ލިބޭ ހައި އެޗީވާސް ސްކޯލާޝިޕަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުނީ މި ސްކޮލާޝިޕަށް ޝަރުތު ހަމަވާނީ ދިވެހިރާއްޖޭގެ ސްކޫލުތަކުގެ މަތީސާނަވީ އިމްތިހާން 2018 ވަނަ އަހަަރު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން މަދުވެގެން ފަސް އޭ ފާސް ހޯދާފައިވާ ދަރިވަރުން ކަމަށެވެ. މި ފަސް އޭ ފާހުގެ ތެރޭގައި އިސްލާމާއި ދިވެހި ހިމެނެންވާނެ ކަމަށެވެ. އަދި އޯލެވެލް ނުވަތަ އެއާ އެއްފެންވަރުގެ އިނގިރޭސި ފާހެއް ވެސް އޮންނަން ވާނެ ކަމަށެވެ.

މި ސްކޯލާޝިޕްގެ ދަށުން ކިޔަވަން ފުރުސަތު ހުޅުވާލާފައިވަނީ ދިވެހިރާއްޖެ، ސާކުގެ އެހެނިހެން ގައުމުތައް، މެލޭޝިޔާ، ތައިލެންޑް، ފިލިޕީންސް، ޗައިނާ އަދި އޯއީސީޑީ ގައުމުތަކުން ކަމަށް މިނިސްޓްރީން ބުނެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ 2017 ވަނަ އަހަރު އޭލެވެލް ނިމުނު ދެ ބެޗުގެ ދަރިވަރުންގެ ތެރެއިން ހައި އެޗީވާސް ސްކޯލާޝިޕް ލިބުނު 79 ދަރިވަރުންނަށް އޯއީސީޑީ ގައުމުތަކުގައި ކިޔެވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ. ނަމަވެސް އެ ދަރިވަރުންނަށްވެސް އޯއީސީޑީ ގައުމުތަކުގައި ކިޔެވުމުގެ ފުރުސަތު ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ނިންމެވުން ތަންފީޒުކުރަން މިހާރު ފެށިފައިވާ ކަމަށެވެ. އެހެންކަމުން އެއިން ގައުމަކުން ކިޔަވަން އެދޭނަމަ މިނިސްޓްރީގެ ސްކޯލާޝިޕް ސެކްޝަނަށް ޖޫން 30 ގެ ކުރިން އެންގުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.