މަޝްހޫރު ހެއްވާ މަޖާ ޝޯއެއް ކަމަށްވާ "ދަ ބިގް ބޭންގް ތިއަރީ"ގެ އެންމެ ފަހު ޝޯ ދެއްކުމަށްފަހު ސީރީޒް އުފެއްދުން ހުއްޓާލައިފި އެވެ.

2007 ވަނަ އަހަރު އުފަންވި މި ޝޯ އަކީ ހުރިހާ ގޮތަކުން ބެލިކަމުގައިވީ ނަމަވެެސް، ބެލުންތެރިންގެ މެދުގައި މަގުބޫލް ޝޯ އެކެވެ. އަދި 7 އެމީ އެވޯޑް ކާމިޔާބު ކޮށްފައިވާތީ މިއީ އެންމެ ކާމިޔާބުވެސް އެއް ޝޯ އެވެ.

މި ޝޯ އިން ފެނިގެން ދިޔައީ 4 ސައިންޓިސްޓަކާއި، އެ މީހުންގެ އަންހެން ރަހުމަތްތެރިއަކާއި ދެމެދު އޮތް ގުޅުމެވެ.

މި ސީރީޒްގެ އެންމެ ފަހު ޝޯ އަކީ ހަނދާނުން ފޮހެލަން ދަތިވާނެ އެއް ގަޑިއިރުގެ ދިގު ޝޯއެއް ކަމަށް ބައެއް ނޫސްތަކުގައި ބުނެފައިވެ އެވެ. މި ޝޯގެ ތަރިންނަކީ، ހެއްވާ މަޖާ ޝޯތަކުގެ އެކްޓަރުންގެ ތެރެއިން މި ވަގުތު އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކްޓަރުންނެވެ.

މި ޝޯގެ އެންމެ މުހިއްމު އެއް ތަރި ކަމަށްވާ ޝެލްޑަން ކޫޕަގެ ރޯލް އަދާކުރާ ޖިމް ޕާސަންއަށް އެންމެ ފަހު ދެ ސީޒަނުން އެކަނިވެސް 50 މިލިއަން އެމެރިކާ ޑޮލަރު ލިބުނެވެ. ޝެލްޑަންއަކީ މި ޝޯގެ އެންމެ މަޖާ، އަދި ދިވެހިންގެ ތެރެއިންވެސް ގިނަ ބަޔެއްގެ ލޯބި ހޯދާފައިވާ ކެރެކްޓަރެކެވެ.

މި ޝޯ ނިންމާލާފައި މިވަނީ ކާމިޔާބު 12 ސީޒަނަށް ފަހު އެވެ. މި ހިސާބުން ދަ ބިގް ބޭންގް ތިއަރީ ނިމުނު ކަމުގައިވީ ނަމަވެސް، "ޔަންގް ޝެލްޑަން"ގެ ނަމުގައި ޝެލްޑަންގެ ކުޑައިރުގެ ދުވަސްތައް ދައްކުވައިދޭ އާ ޝޯއެއް މިހާރު ވަނީ ދައްކަން ފަށާފަ އެވެ.