ގެއަށް އައިސް ވަނުމާއެކު ހަގު ދަރިފުޅު ނޫހު ކުރީ ޝަކުވާއެވެ. އެއީ އަބަދުވެސް އޭނާގެ އާދައެވެ. އަބަދުވެސް ހުންނަނީ އޭނާގެ ދޮންތަ މަލަކާއާމެދު ކޮންމެވެސް ޝަކުވާއެއް ހުށަހަޅަންވެފައެވެ. އެ ޝަކުވާތަކުގެ އަޑު ނާހައި ފަރުޖެއްސޭކަށް ވެސް ނޯވެއެވެ. އެހެންވެ ގޮނޑީގައި އިށީނުމަށްފަހު އެ ދަރިފުޅުގެ ވާހަކަތައް އަޑުއަހަން އަހަރެން ފެށީމެވެ.

"މަންމާ! ވަރަށް ބޮޑު ވާހަކައެއް ބުނަން ވެފައި އޮބައޮތް. ދޮންތަ އެ ހުރީ ވަރަށް ގޯސްކަމެއް ކޮށްގެން. މަންމަ ހީވެސް ނުކުރާ ކަހަލަ ކަމެއް ކޮށްގެން" ދަރިފުޅު އަހަރެންގެ ސަމާލުކަން ހޯދުމަށް ބޭނުންކުރީ ތިން ޖުމުލައެވެ.

"ދެން ބުނެބަލަ. އަނެއްކާ ކޮންކަމެއް ދޮންތަ ކުރީ؟" ދަރިފުޅުގެ ވާހަކަތައް އަޑުއަހާކަމަށް ހަދައި އަހަރެން ސުވާލުކޮށްލީމެވެ.

"ދޮންތަ މިއަދު ރޯދައެއް ނޫން. އަސްލުވެސް ދޮންތަ ރޯދައެއް ނޫން" އަހަރެންނާ ކުޑަކޮށް ގާތްވެލުމަށްފަހު ދަރިފުޅު މަޑުމަޑުން ބުނެލިއެވެ.

"ކިހިނެއް ދަރިފުޅަށް އެނގުނީ؟ ދޮންތަ އަދިވެސް ނުތެދުވަނީ ދޯ؟ މެންދުރު ނަމާދު ނުކުރަނީ ދޯ؟ އެކަމަކު މީހަކު ރޯދަކަން ނުވަތަ ނޫންކަން ކަނޑައަޅަނީ ﷲ. އެއީ އެފަރާތުން ކަނޑައަޅާކަމެއް. އެއީ ހެއްދެވި ފަރާތާ ރޯދަވެރިޔާއާ ދެމެދު އޮންނަ ސިއްރެއް" ދަރިފުޅުގެ ވާހަކަތައް އަޑުއަހަމުން އަހަރެން ބެލީ ދަރިފުޅަށް ވިސްނައި ދެވޭތޯއެވެ.

"އެކަމަކު ފެން ބޮއެފިނަމަ ރޯދަ ގެއްލޭނެއްނު" އަހަރެންގެ ވާހަކަ ހުއްޓުވުމަށްފަހު ދަރިފުޅު ބުންޏެވެ.

"އާނ. ފެންބޮއެފިނަމަ ރޯދަ ގެއްލޭނެ. ދަރިފުޅަށް ފެނުނީތަ ދޮންތަ ފެންބޮނިކޮށް؟" ދަރިފުޅު ކުރި ސުވާލަށް ޖަވާބު ދިނުމަށްފަހު އަހަރެން ވެސް ދަރިފުޅަށް ސުވާލެއް ކުރީމެވެ. އެ ސުވާލު ކުރި އިރު ދޮށީ ދަރިފުޅު މަލަކާއަށް ރޯދަ ނުހިފޭކަން އަހަރެންނަށް ވެސް އެނގެއެވެ.

"އާނ! ދޮންތަ ފެން ބޮނިކޮށް އަހަރެންނަށް އެ ކޮޓަރިއަށް ވަދެވުނީ. އަހަރެން ފެނުމުން އަވަހަށް ނުވާކަމަށް ހަދާފައި ދޮންތަ ނިދާކަމަށް ހެދީ. އޭރު ފެންފުޅި ހުރީ އެނދުކައިރި. މަތިވެސް ހުރީ ނަގާފައި. އަހަރެން ގޮވާގޮވާ ވެސް ދޮންތައެއް ނުތެދުވި. ނަމާދު ކުރާކަށް ވެސް ނުތެދުވި" ދަރިފުޅު ހިއްސާކުރީ އޭނާއަށް ކުރެވުނު ތަޖުރިބާއެވެ. ހިތަށް އެރިއެވެ. ކަންތަކާ ޖެހުނީއެވެ. މުޅި ގޭގައި އެ ވާހަކަ ދައްކަފާނެއެވެ.

"ތި ކަހަލަ ވާހަކަ ޔަގީން ނުވަނީސް ދައްކާކަށް ނުވާނެ. ތިވާނީ ދަރިފުޅަށް ހީވި ގޮތަކަށް. މަންމަ މިއަދު ބޭރަށް ދިޔައިރު ވެސް އެތާ ފެންފުޅި ހުންނާނެ. މަންމަ އިސްތިރިއަށް ފެން އެޅީ އެ ފުޅިން. ފެން އެޅުމަށް ފަހު އެ ފުޅީގެ މަތިޖަހަން މަންމަ ހަނދާން ނެތުނީ. މަންމައަށް ހީވަނީ ތިއީ ކުށް ހީއެއްހެން. ދޮންތަ ވެސް ރޯދައަށް ހުރެ ފެނެއް ނުބޯނެއްނު" އަހަރެން އުޅުނީ ދަރިފުޅަށް އޮޅުވާލާށެވެ. މަލަކާ ދިފާޢުކޮށްދޭށެވެ.

"ނޫން މަންމާ! މަންމަ ފެންފުޅި މަތި ނުޖަހާ ހުރުމުން އަހަރެން އެފުޅި މަތިޖެހިން. އޭގެ ފަހުންނޭ ދޮންނަ އެ ފުޅި މަތިނަގާފައި ހުރީ. އަހަރެން ދޮންތަގެ އެނދާ ކައިރިވި އިރު އެނދުމަތީ ވެސް ފެންހުރި. އެހެންވީމާ ދޮންތަ މިއަދަކު ރޯދައެއް ނޫން. އަޅެ މަންމަ ގޮސް ދޮންތަ ގާތުގައި އަހާބަލަ؟" ދަރިފުޅު ބޭނުންވީ އަހަރެން ލައްވާ އެކަން ޔަގީން ކުރުވާށެވެ. އަހަރެން ވިސްނާލީމެވެ.

"ތިއީ ވަރަށް ބޮޑު މައްސަލައެއް. އެހެންވީމާ ތިކަން ވާނީ ބައްޕަ ލައްވާ ބަލުވަން. އެކަމަކު ބައްޕަ ރަށަށް ދުރުވަނީ މާދަމާ. ދަރިފުޅު އެއްވެސް މީހެއްގެ ގަތުގައި އިހަށް މި ވާހަކަ ނުބުނާތީ. މާދަމާ ބައްޕަ ދުރުވީމާ ތި ވާހަކަ ބުނާނީ. ދޮންތައަށް ވެސް ދަރިފުޅަށް އެނގުނުކަން ނާންގާތި. މިކަން މިހާރު އެނގެނީ މަންމައަށާއި ދަރިފުޅަށް އެކަނި" އަހަރެން ދަރިފުޅު ހައްދާލީމެވެ. ދަރިފުޅުގެ ދުލުން އެ ވާހަކަ ނުދައްކާނެ ކަމުގެ ޔަގީންކަން ހޯދީމެވެ.

އަހަރެން ގޮސްވަނީ މަލަކާ ކޮޓަރިއަށެވެ. އޭރު މަލަކާ އޮތީ ލޯ ހުޅުވައިގެންނެވެ.

"ކޮބާ މަންމަ އެވަރަށް ބުނީމާވެސް ދަރިފުޅު ރޯދަ ނޫންކަން ކޮއްކޮއަށް އެނގުނީނު. މަންމަ ބުނީމެއްނު ކޮޓަރި ތަޅުލައިގެން ނޫނީ ފެން ނުބޯށޭ. ތަޅުލައިގެން ނޫނީ އެފަދަ ކަމެއް ނުކުރާށޭ" އަހަރެން ވާހަކަ ދެއްކީ މަލަކާއަށެވެ.

"އަހަރެން ހީކުރީ ކޮޓަރި ހުރީ ތަޅުލެވިފައިކަމަށް. ފެންފުޅީގައި އަނގަ ޖަހައިގެން އިންދައި ކޮއްކޮ ވަނީ. ދެން އަވަސް އަވަހަށް ނުވާކަމަށް ހަދައި އޮށޯތީ. މިހާރު އެ ވާހަކަ މަންމަ ގާތުގައި ދައްކައިފި ދޯ؟ ކޮއްކޮ ހުންނާނީ ހަމަ ކަމެއް ނުފެނިފައި" މަލަކާގެ ރާގުގައި ވަނީ ހިތްހަމަ ނުޖެހުމެވެ.

"މަންމަ އެކަމަކު ކޮއްކޮ ހައްދާލައިފިން. ކޮއްކޮގެ ދުލުން ދެން އެވާހަކައެއް މިއަދަކު ނުދައްކާނެ. ދެން އަވަހަށް ތެދުވޭ. މިހާރު އެހަރަ ދޭއް ޖަހަނީ. މިއަދު ކުލާސް ކުދީން ވެސް ރޯދަވީއްލަން އަންނާނެއްނު. މިހާރު މާލަސްވެސް ވެއްޖެ. ދަރިފުޅު ވެސް އަވަހަށް އާދޭ ބަދިގެ ފަރާތަށް" މަލަކާގެ ގާތުގައި ބަދިގެ ފަރާތަށް އައުމަށް ބުނުމަށްފަހު އަހަރެންވެސް ހިނގައިގަތީ ބަދިގެ ފަރާތަށެވެ.

ހައެއް ޖެހުމާއެކު މަލަކާ ކުލާސް 7 ކުއްޖަކު ގެއަށް އައެވެ. އަންހެން ތިން ކުދިންނާއި ފިރިހެން 4 ކުދީންނެވެ. އެކުދީން ތިބީ ގޭގެ ބޮޑު އުނދޯލީގައެވެ. އަހަރެން އުޅުނީ ގޯތިތެރޭގައި ހުރި މޭޒުގައި ކާތަކެތި އެތުރޭތޯއެވެ. މަލަކާ އުޅުނީ ތަށިތަށްޓަށް ފަނި އެޅުމުގައެވެ. ނޫހު އުޅުނީ އެކުދިންނާ ސަކަރާތް ޖެހޭތޯއެވެ.

"ދަރިފުޅުދޭ އިހަށް ރީތިވެލަން. އަދި އެބަހުރި 15 ވަރަކަށް މިނެޓް. ދެން ހުރިހާ ކަމެއްހެން މި ނިމުނީ. އަވަސްކޮށްލާތި" މަލަކާ ރީތި ވެލުމަށް އަހަރެން ފޮނުވީމެވެ. އަހަރެންވެސް ބޭނުންވީ އޭނާގެ ކުލާސް ކުދިންނާއެކު މަލަކާ ވެސް ބައިވެރިކުރުމަށެވެ.

ހުޅުވާފައިވާ ރޭޑިއޯ އިން ރޯދައިގެ އަލި ޕްރޮގުރާމް ނިންމައި ގުރުއާން ކިޔަވަން ފަށައިފިއެވެ.

"އާދޭ. މިކޮޅަށް. މިހާރު ބަންގި ގޮވަން އެ އުޅެނީ. އިރުކޮޅަކުން ބަންގި ގޮވާނެ. އެންމެ ފުރަތަމަ ކާންވާނީ ކަދުރު" އެކުދިންނަށް އިރުޝާދު ދެމުން ދިޔައީ ނޫހެވެ. އެއީ އޭނާގެ އާދައެވެ. އަބަދުވެސް އުޅޭނީ ބޮޑުވެގެންނެވެ. މީހުންނަށް ކަންކަން ކުރަންވީ ގޮތް ވަރަށް ކިޔައިދޭ ހިތްވާނެއެވެ. ނޫހުގެ ވާހަކަތަކުން މަލަކާގެ ކުލާސް ކުދިންވެސް ތިބީ ހައިރާންވެފައެވެ.

"ކޮބާ؟ ކޮއްކޯ ދޮންތައަށް ގޮވާބަލަ އަވަސްކުރާށޭ" އަހަރެން ބުނީ ނޫހުގެ ގާތުގައެވެ. ނޫހު ދުއްވައި ގަތީ ދޮންތަގެ ކޮޓަރިއަށެވެ. ދިޔަކަމެއް ނޭނގެއެވެ. ދުންޖަހާފައި އަތުވެއްޖެއެވެ. އޭރު ބަންގި ގޮވަނީއެވެ.

"ދޮންތަ އަދިވެސް ފެންވަރަނީ" ކަދުރު ތަށިން ތިން ކަދުރު ނެގުމަށްފަހު ދަރިފުޅު ބުނެލިއެވެ.

"ރޯދަ ކުދިން އަވަހަށް ރޯދަ ވީއްލާނެ" މަލަކާ ކުލާހުގެ ކުއްޖަކު ރޯދަވީއްލަމުން ބުނެލިއެވެ. އޭރު މަލަކާ އެ މޭޒާ އަރާ ހަމަވަނީއެވެ. އެ އަޑު ހަމަ ޖެހުމާއެކު ނޫހުގެ ވާހަކަ ފެށިއެވެ.

"ދޮންތަ މިއަދަކު ރޯދައެއް ނޫން. ދޮންތަ އެ ހުރީ ފެންބޮއެގެން" އެ އަޑު ޖެހުމާއެކު މަލަކާއަށް އަނގަ ހުޅުވުނެވެ. ރޯދަވީއްލަން ތިބި ހުރިހާ ކުދިންނަށް ބަލައިލެވުނީ މަލަކާގެ މޫނަށެވެ. އަހަރެންގެ އަތުގައި އޮތް ކަދުރު ފަޅި ބިންމައްޗަށް ވެއްޓުނެވެ.

"ދެން ދަރިފުޅު ދައްކާ ވާހަކަ. ދޮންތަވެސް މަންމަ ވެސް ހުރިހާ އެންމެންވެސް ރޯދައޭ. އެހެން ވެގެންނެއްނު ރޯދަ ވީއްލަން މި ތިބީ" އަހަރެން ހިނިގަނޑެއް ޖަހާލަމުން ބުނެލީމެވެ. އަދި މަލަކާގެ މޫނަށް ބަލައިލީމެވެ. އެ މޫނުގައި ވަނީ ހާސްކަމާއި ނުތަނަވަސް ކަމެވެ. ނޫހު އިތުރު ވާހަކަތަކެއް ދައްކާފާނެތީ އަހަރެން އެހެން ވާހަކައެއް ފެށީމެވެ. އޭނާގެ ވާހަކަ އޮޅުވާލީމެވެ. މަލަކާއަށް ވާހަކަދައްކާނެ ފުރުޞަތު ފަހިކޮށްދިނީމެވެ. ހިތަށް އެރިއެވެ. މިއީ ވެސް ކުރަން ޖެހޭ ކަމެކެވެ. މިއީ ދެ ކުދިން ތިބޭއިރު ވާވަރެވެ. ގިނަ ކުދީން ތިބޭ ގޭގޭގައި ކިހައި ވަރެއް ވާނެބާއެވެ.

ރޯދަ ވީއްލާ ނިމުމުން މަލަކާގެ ކުލާސް ކުދިން ގެއަށް ދިޔައެވެ. ވަގުތު ބަލައި ނޫހު އަހަރެންގެ ގާތަށް ގެނައިމެވެ. އަދި އަހަރެންނާ އެކު ވީ ވަޢުދާ ޚިލާފުވެވުނުކަން ބުނެދިނީމެވެ. އެއަށްފަހު އަންހެން ކުދީންނަށް ރޯދަ ނުހިފޭ ދުވަސްތައް ހުންނަކަމާއި ނަމާދު ނުކުރެވޭ ދުވަސްތައް އަންނަކަން ބުނެދިނީމެވެ. އެކަންކަމުގެ މާބޮޑު ތަފުސީލެއް ނުދެމެވެ.

"ދަރިފުޅު ބޮޑުވުމުން އެކަންކަން އެނގޭނެ. ދެން އެ ކަހަލަ ވާހަކަ މީސްމީހުންގާތުގައި ނުދައްކާތި. ދޮންތަ ލަދު ގަންނަ ކަހަލަ ވާހަކަ ދެއްކުމުން މަންމަ ވެސް ލަދުގަންނާނެއްނު. ދަރިފުޅު ލަދު ގަންނަ ކަހަލަ ވާހަކަ ދެއްކުމުން ދޮންތަ ވެސް ލަދު ގަންނާނެއްނު. ބައެއް ކަހަލަ ވާހަކަތަކީ ސިއްރު ކުރަންޖެހޭ ކަހަލަ ވާހަކަތައް. ދަރިފުޅަށް ތިޔަ ހާމަކުރެވުނީ އެފަދަ ސިއްރެއް" އަހަރެންގެ ގާތުގައި ދަރިފުޅު ބައިންދައިގެން ދަރިފުޅަށް ވިސްނުވައިދިނީމެވެ. އެ ކަހަލަ ވާހަކަތައް ސިއްރުކުރަން ބުނީމެވެ. އެއަށްފަހު މަލަކާ ވެސް އިތުރަށް ވިސްނައިގެން އުޅުމަށް ބުނީމެވެ. މިއީ ވެސް ތަޖުރިބާއެވެ.

(ނިމުނީ)