އެކްޓަރު އަކްޝޭ ކުމާރް މިހާރު ޝޫޓިން ކުރިއަށް ގެންދާ ފިލްމު ލަކްޝްމީ ބޮމްގެ ފުރަތަމަ ފެނިލުން ނުވަތަ "ފަސްޓް ލުކް ޕޯސްޓަރ" ރިލީޒްކުރީ އިއްޔެގެ ވަގުތެއްގަ އެވެ. މަތީގައި އެވާ ފޯސްޓަރު ރިލީޒްކޮށްފައިވަނީ އަކްޝޭގެ ޓްވިޓަ އެކައުންޓް މެދުވެރިކޮށެވެ.

އެހެންނަމަވެސް މި ޕޯސްޓަރު ނެރެފައިވަނީ ފިލްމުގެ ޑައިރެކްޓަރު ރާގަވާ ލޯރެންސާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި އަދި އޭނާއަށް ނުވެސް އެނގި ކަމަށްވާތީ، އެކަމާ ހިތްހަމަނުޖެހިގެން އޭނާ މިހާރު ވަނީ މި ފިލްމު ދޫކޮށްލާފަ އެވެ. ޓްވިޓަ މެދުވެރިކޮށް ރާގަވާ ވަނީ ރޭ މިކަން އިއުލާންކޮށްފަ އެވެ.

ރާގަވާ ބުނީ އޭނާއަށް ނޭނގި އޭނާ ޑައިރެކްޓްކުރާ ފިލްމެއްގެ ޕޯސްޓަރެއް ނެރުމަކީ ފިލްމުގެ ޕްރޮޑިއުސަރުން އޭނާއަށް އެއްވެސް އިހްތިރާމެއް ނުކުރާކަން ހާމަވެގެން ދިޔަ ކަމެއް ކަމަށެވެ. ފިލްމުގެ ސްކްރިޕްޓަކީ އޭނާގެ ސްކްރިޕްޓެއް ކަމުން ސްކްރިޕްޓް ހިފަހައްޓާ ފިލްމު ހުއްޓުވުމުގެ އިޚްތިޔާރު އޭނާއަށް އޮތަސް އެގޮތަށް ކަންތައް ކުރަން ބޭނުން ނުވާ ކަމަށްވެސް ބުންޏެވެ. އަދި ފިލްމުގެ ލީޑް ތަރި އަކްޝޭ ކުމާރަކީ އޭނާ ވަރަށް އިހްތިރާމް ކުރާ މީހަކަށްވާތީ އަކްޝޭއާ ބައްދަލުކޮށް ސްކްރިޕްޓް ހަވާލުކޮށްފައި ޑައިރެކްޓަރުގެ ޒިންމާ އޭނާ ދޫކޮށްލާނެ ކަމަށްވެސް ރާގަވާ ވަނީ ބުނެފަ އެވެ.

ލަކްޝްމީ ބޮމް އަކީ ރާގަވާ މީގެ އަހަރުތަކެއް ކުރިން ޑައިރެކްޓްކުރި ތަމަޅަ ބިރުވެރި ކޮމެޑީ ފިލްމު ކަންޗާނާގެ ހިންދީ ރީމޭކެކެވެ.