އަހަރެންގެ ހިތް ތެޅެނީ މާ ބާރަށެވެ. ވާން މި އުޅެނީ ކިހިނެއް ހެއްޔެވެ؟ ވިންދު އަވަސްވެގެން މި އުޅެނީ ކީއްވެ ހެއްޔެވެ؟ އެހެންޏާ ވެސް މީހުން ތަރާވީހަށް ގެންނަމެވެ. އެކަމަކު މި ވަރެއް ނުވެއެވެ. މިހާ ވަރަކަށް ހިތެއް ނުތެޅެއެވެ.

އިރުއޮއްސުނުއިރު އަހަރެން ހުރީ ހުރިހާ ކަމެއް ނިންމައިގެންނެވެ. ތަރާވީހަށް ހަދަންޖެހޭ ހުރިހާ ތަކެއްޗެއް ތައްޔާރުކޮށްގެންނެވެ. ހަމައެކަނި ކުރަން އޮތީ ކުރު އިންތިޒާރެކެވެ. އެ އިންތިޒާރަށް މާގިނަ ވަގުތެއް ނުނެގިއެވެ.

ނުވައެއް ޖެހިއިރު ގޭގެ ބެލް ޖަހާ އަޑު އިވުނެވެ. އަހަރެންނަށް ދުއްވައި ގެނެވުނެވެ. އަވަސް އަވަހަށް ދޮރު ހުޅުވާލީމެވެ.

"އަވަހަށް ވަންނަވާ. ނަޒީރު ނުދުރުވަނީތޯ؟" ދައުވަތު ދިން ހަތަރު މީހުންގެ ތެރެއިން އެކަކު މަދުވުމުން އަހަރެންނަށް އަހައިލެވުނެވެ.

"ނޫން. ނަޒީރު ވެސް އިރުކޮޅަކުން އަންނާނެ. އޭނާ ކުރަނީ މާ ދިގު ތަރާވީހެއް ކަންނޭނގެ. އަދިވެސް އެ ތަރާވީސް ނުނިމެނީ ތޯއްޗެ. އެކަމަކު މިރޭ މިގެއަށް އަންނާނެކަމުގެ ޔަގީންކަން އޭނާ އޮތީ ދީފައި" ޖަވާބު ދިނީ އަހަރެން އުޅޭ އޮފީހުގެ ސެކްޝަނުގެ ވެރިޔާއެވެ.

"ހީވަނީ އަހަރެމެންނާ ނުލައި އޭނާ ރީޝާއާ ބައްދަލުކޮށްލަން ބޭނުންވަނީހެން. ރީޝާއާ ދައްކަން ހުރި ވާހަކަތަކެއް ހުރީ ކަންނޭނގެ" ރާމިޒު ދިމާކޮށްލީ ނަޒީރު އަށެވެ. އެއީ ރާމިޒުގެ ގޮތެވެ. އަބަދުވެސް ހުންނަނީ ދިމާކޮށްލާނެ ފުރުޞަތަކަށް ބަލަބަލައެވެ.

ސައިތައްޔާރުވެފައި ހުރުމުން ލަސްތަކެއް ކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ތިން މީހުންވެއްދީ ކާގެއަށެވެ. އެތަނގައި ވާހަކަދައްކަން ތިއްބާ ނަޒީރު އައެވެ. ވާހަކަ ފެށުނީ އެހިސާބުންނެވެ.

"މިގޭގައި އިތުރު މީހަކު ވެސް ނޫޅެނީތަ؟ ކޮބާ މަންމަ؟" ސުވާލު ކުރީ ނަޒީރެވެ.

"ބަލަ ފުރަތަމަ ވެސް މަންމަ ވާހަކަ ތި އަހަނީ؟ މަންމައާ ދައްކަން ޖެހޭ ވާހަކައެއް އޮތީތަ؟ އަހަރެން ނަމަ އަހަރެން ހޯދާނީ ބައްޕަ. ހުރިހާ ބާރެއް އޮންނާނީ ބައްޕައިންގެ އަތުގައި" ނަޒީރުގެ ސުވާލު މެދުކަނޑާ ލުމަށްފަހު ރާމިޒު ވެސް ފެށިއެވެ.

"މަންމަ ވެސް ބައްޕަ ވެސް ބޭރުގައި. ދައްތަމެން ގެއިން ތަރާވީހަކަށް ކިޔައިގެން ދިޔައީ" އަހަރެން ޖަވާބު ދިނީމެވެ.

"އާނ. މިކަހަލަ ރަނުގެ ފުރުޞަތެއް ލިބޭނީ. މަންމައާއި ބައްޕަ ނޫޅޭ ރެއެއް ބަލާފައިތާ މިގެއަށް ފިރިހެނުން ވެއްދޭނީ" އަހަރެންގެ ވާހަކަ ނުނިމެނީސް ރާމީޒު ދިމާކޮށްލިއެވެ.

"ރީޝާގެ ތި ނިންމުން ރަނގަޅު. އެހެން ނޫންނަމަ މަންމައާއި ބައްޕަ ވެސް ތިބެން ޖެހޭނީ ލަދުން ކަންނޭނގެ. މި މީހުން މިތަޅާ އަނގައިން ސަލާމަތެއް ނުވާނެ" ސެކްޝަނުގެ ވެރިޔާ ވިސްނީ ކަންތައް ވެދާނެ ގޮތަކާމެދުއެވެ.

"އައްދޭ ރަވާހު އަނގައިންވެސް ނުބުނެ ތި އިންނަނިއްޔޯ؟ އަނެއްކާ ލަދުންތަ؟ ނޫނީ ހިތުގައި ކަމެއް އޮތީތަ؟" ރަވާހު ވާހަކަ ނުދައްކާ އިނުމުން ރާމިޒު ދިމާކޮށްލީ އޭނާއާއެވެ. ރަވާހަކީ އަބަދުވެސް މަޑުން ހުންނަ މީހެކެވެ. މާ ބަސްގިނަ މީހެއް ނޫނެވެ. އޭނާ ކުރާ ކަންކަން ކުރާނީ ޢަމަލުންނެވެ. އަނގަޔަކުން ނޫނެވެ.

"ގޭގެއަށް އައިސް ތިހާ ވާހަކަ ގިނަކުރާކަށް ނުވާނެ. ލަދުން މި އިންނަނީ ތިކަމާ" ރަވާހު ޖަވާބު ދިނީ ކުޑަ ހިނިތުންވުމަކާއެކު މަޑުމަޑުންނެވެ.

"ތިބުނީ ހަމަ ހެޔޮކޮށް. މި ރާމިޒުމެންނާ ހަދައި އެހެން މީހުން ޖެހޭނީ ލަދުގަންނަން" ރަވާހުގެ ވާހަކައަށް އޮފީހުގެ ވެރިޔާ ވެސް ހިފާލިއެވެ.

"ބަލަ މިއީ އޮފީހެއް ނޫނޭ. މިފަދަ ތަންތަނަށް އައިސް މަންމަނު ވެގެންނެއް ނުތިބެވޭނެ. މަރުވެފައި ތިބޭނަމަ އައުމުގެ މާނައެއް ނެތް" ރާމިޒު އަނގަޔަކުން ދެރައެއް ނުވިއެވެ. އޭނާގެ ވާހަކަ ހުހެއް ނުވިއެވެ.

"ފަނިވެސް އެބަހުރި. ސައިވެސް ސޫޖީ ވެސް އެބަހުރި. ކޯންޗެއް އަޅާނީ؟" އަހަރެން ސުވާލުކުރީމެވެ.

"ތި ހުރިހާ އެއްޗެސް ވެސް ބޯންވާނެ. މިގޭގެ ކެއުމުގެ ފެންވަރުވެސް ބަލަންވާނެ" އަހަރެންގެ ސުވާލު ނުނިމެނީސް ރާމިޒު ޖަވާބު ދިނެވެ.

"އަހަރެން ބޭނުމީ ހޫނު ކަޅެއް" ރަވާހު ބުނެލިއެވެ. އެއާއެކު ދެން ތިބި ދެ މީހުން ވެސް ބޭނުންވީ ކަޅު ސަޔެކެވެ.

އަހަރެން އަވަސް އަވަހަށް ތިން ޖޯޑަށް ކަޅު ސައި އެޅުމަށްފަހު ފަހަރަކު މީހެއްގެ ގާތަށް ގެންދިޔައީމެވެ. އެންމެ ފަހުން ކަޅު ގެންދިޔައީ ރަވާހަށެވެ. އޭނާގެ ފުރަގަހުން ގޮސް ސައިތަށި މޭޒުމަތީ ބަހެއްޓުނު ތަނާ ފައިގައި އެއްޗެއް ޖެހުނުހެން ހީވެގެން އަހަރެނަށް ތެޅި ގަނެވުނެވެ. އެއާއެކު އެ ހޫނު ސައިތަށި ބަންޑުންވީ ރަވާހުގެ ފަޔަށެވެ. އޭނާއަށް ގޮނޑި ދުރުކޮށްލައި ތެދުވެވުނެވެ. އޭރު ޖޯޑު އޮތީ ބިންމަތީ ފުނޑުފުނޑު ވެފައެވެ. އަހަރެންނަށް ހުރެވުނީ ގަބުވެފައެވެ. ހަދާނެ ގޮތް ހުސްވެފައެވެ.

"އެއީ މާ ބޮޑު ކަމެއް ނޫން" ރަވާހު ބުނެލިއެވެ. އޭރު ދެން ތިބި މީހުން ވެސް ތިބީ ކޮޅަށެވެ.

"ކިހިނެއްވީ؟ ކިހިނެއް ވެއްޓުނީ؟" ސުވާލު ކުރީ ސެޝަނުގެ ވެރިޔާއެވެ.

"ވީގޮތަކީ ފައިގައި އެއްޗެއް ޖެހުނުހެން ހީވީ. ހީކުރީ ދިރޭ އެއްޗެއްކަމަށް. އެހެން ހިތަށް އަރައި ތެޅި ގަނެވުނީ" ވަރަށް ލަދުންހުރެ ވީގޮތް އަހަރެން ބުނީމެވެ.

"ވަރަށް ބޮޑަށް ސޮރީ ރަވާހް" އަހަރެންނަށް މަޢާފަށް އެދެވުނެވެ.

"އެހެންވެދާނެ. އެއީ މާ ބޮޑު މައްސަލައެއް ނޫން. އަނެއްކާ ފިހުނުތަ؟" މި ފަހަރުވެސް ސުވާލުކުރީ ސެކްޝަނުގެ ވެރިޔާއެވެ.

"ނޫން. މާބޮޑު ކަމެއް ވީހެނެއް ހިއެއް ނުވޭ. މާބޮޑަކަށް ފަޔަކަށް ނޭޅެ. ފެންފޮދަކުން ދޮވެލަނިކޮށް ރަނގަޅު ވެދާނެ" މަޑުމަޑުން ރަވާހު ބުނެލިއެވެ. އޭނާ އެހެން ބުނިނަމަވެސް އޭނާއަށް ތަދުވާނެއެވެ. އެ ސައިތަށްޓަކީ ފިސާރި ހޫނު ސައިތަށްޓެކެވެ.

އަހަރެން އަވަސް އަވަހަށް ޓިޝޫ ފޮށި ނަގާ ރަވާހަށް ދިއްކޮށްލީމެވެ. އެއިން ތިން ހަތަރު ޓިޝޫ ނެގުމަށްފަހު ރީތި ފެނުން ރަވާހުގެ ފަލަމަސްގަނޑު އޭނާ ފުހެލިއެވެ. އަހަރެން އަވަސްވެގަތީ ތެޅިފައިވާ ޖޯޑުގެ ބައިތައް ނަގައި އެތަން ސާފުކުރާށެވެ. އެކަން ހިނގިއިރު ރަވާހުގެ މޫނުމަތިން މާ ބޮޑު ހާސްކަމެއް ނުދައްކައެވެ.

މާގިނަ އިރުތަކެއް ނުވެ ތަރާވީސް ނިމިއްޖެއެވެ. ޝުކުރު އަދާކުރުމަށްފަހު ހަތަރު މީހުން ގެއިން ނުކުމެގެން ދިޔައީ ހިނިތުންވުމާއެކުއެވެ. ރަވާހު ވެސް ހުރީ ހެވިފައެވެ. ނަމަވެސް އަހަރެންގެ ހިތަކަށް ހިތްހަމަ ޖެހުމެއް ނުލިބެއެވެ. އަމިއްލަ އަތުން އެވީ ކިހައި ވަރެއްގެ ކަމެއްކަން އަހަރެންނަށް އިހުސާސް ކުރެވުނެވެ. އޮފީހަށް ދިއުމުން އެކަމާ ދިމާކުރާނެ ވަރު އަހަރެންނަށް ވިސްނުނެވެ.

ނިދަން އޮށޯވެފައި ވެސް ހަނދާންވީ ސައިތަށި މަތިންނެވެ. އެ ތަށި އަތުން ވެއްޓުނު ގޮތެވެ. އިހުސާސްވަނީ ރަވާހަށް ވާނެ ތަދެވެ. އަހަރެންނަށް ބަލައި ލެވުނީ ގަޑިއަށެވެ. އޭރު ބާރަ ޖަހަނީއެވެ. ހިތް ބުނީ ރަވާހަށް ގުޅުމަށެވެ. އޭނާގެ ހާލު ބަލައިލުމަށެވެ. އޭނާ އަދިއެއް ނުނިދާނެއެވެ.

އަހަރެން ރަވާހަށް ގުޅީމެވެ. އޭނާގެ ހާލު ބެލީމެވެ. އޭނާ ނުބުނި ނަމަވެސް އޭނާގެ ފައި ފިހޭނެކަން އަހަރެންނަށް އެނގެއެވެ. އެހައި ހޫނު ސައިތައްޓެއް ފަޔަށް އެޅުމުން އެކަން ނުވެނުދާނެކަން އަހަރެންގެ ސިކުނޑި ގަބޫލުކުރިއެވެ. އެ ވާހަކަތައް ކިޔައި ދިނީ ރަވާހުގެ ދުލުންނެވެ.

"އަހަރެން ތަދުނުވާ ވާހަކަ ބުނީ ރާމިޒުމެން ދިމާކުރާނެތީ. އެހެންވެ ކެތްކޮށްލައިގެން ހަމަ އިނީ. އޭރުވެސް ވަރަށް ތަދުވޭ. ތި ގެއިން ދިޔަގޮތަށް ދިޔައީ ހޮސްޕިޓަލަށް. ފަލަމަސްގަނޑުން ބައެއް އޮތީ ފިހިފައި. މިހާރު މިއޮތީ ބެސް އަޅައިގެން" ރަވާހުގެ ވާހަކަތަކުން އަހަރެންގެ ހިތަށް އަސަރުކުރިއެވެ. ދެރަވިއެވެ. އަހަރެންގެ އަތުން އެފަދަ ކަމެއްވީތީ މަޢާފަށް އެދެވުނެވެ.

"އެއީ ރީޝާ ގަސްތުގައި ކުރިކަމެއް ނޫނެއްނު" ރަވާހު ބުނެލިއެވެ.

"ގަސްތުގައި ނޫނަސް އެފަދަ ކަމެއް ހިނގީތީ އަހަރެން ވަރަށް ދެރަވެއްޖެ. ވަރަށް ލަދުވެސް ގަތް" އަހަރެންނަށް ބުނެވުނެވެ.

"އަހަރެންގެ ހާލު ބަލައިލަން ރީޝާ ގުޅުމުންވެސް އެނގިއްޖެ ރީޝާ ދެރަވިވަރު. އަހަރެންގެ ހިތް ބުނީ ރީޝާ ގުޅާނޭ" ރަވާހުގެ އެ ދެ ޖުމުލައިން އަހަރެންނަށް ހިތްހަމަ ޖެހުން ލިބުނެވެ. އޭނާގެ ވާހަކަތަކުގެ މަސްތުގައި އަހަރެންނަށް ޖެހެވުނެވެ. އެ މަސްތުގައި އެތައް ވާހަކައެއް އަހަރެން ދެއްކީމެވެ.

އަހަރެންނާ ރަވާހުގެ ގުޅުން އިތުރަށް ބަދަހިވާން ފެށިއެވެ. ބައެއް ދުވަސް ދުވަހު ރަވާހުމެންގެއަށް ވެސް އަހަރެން ދާން ފެށީމެވެ. ފުރަތަމަ ކޮޅު އޭނާގެ ހާލު ބަލައިލުމަށެވެ. ފަހުން ހަމަ ދާހިތްވާލެއް ބޮޑުކަމުންނެވެ. އެންމެ ފަހުން އެ ގުޅުން ލޯތްބަށް ބަދަލުވިއެވެ. އެ ލޯބި ދާއިމީ ކުރުމަށް ދެމީހުންގެ ކައިވެނި ކުރެވުނެވެ. މިއަދު އަހަރެންނަކީ ރަވާހުގެ އަނބިމީހާއެވެ. އެނާ އެންމެ ލޯބިވާ މީހާއެވެ. އެ ހުރިހާ ކަމެއްގެ އަސްލަކީ އަހަންނަށް ދެވުނު ތަރާވީހެވެ. އެރޭ ފަލަމަސްގަނޑަށް އެޅުނު ސައިތަށްޓެވެ.

(ނިމުނީ)