މާލޭގައި އެހެރަ އޮލިމްޕަސް ތިއޭޓަރަށް މިއަދަކީ ފަސްދޮޅަސް އަހަރު ފުރުނު ދުވަހެވެ. އޮލިމްޕަސް ހުޅުވުނީ 21 މެއި 1959 ގައެވެ. އެހެންވީމާ ދިވެހިރާއްޖޭގެ މިނިވަންކަމާއި ޖުމްހޫރިއްޔަތަށްވުރެވެސް އޮލިމްޕަސް ދޮށްޓެވެ. އެއީ ކަމުންވެސް އަދި ނަމުންވެސް މުސްކުޅިނުވި އިމާރާތެކެވެ. ކިތަންމެ ގިނަދުވަސްވިޔަސް ތަނުގެ ފަރުމާޔާއި ޚިދުމަތާއި މަގުބޫލުކަން މުސްކުޅިނުވެ އަބަދުވެސް ޒަމާނީ ކުލަތަކާއެކު އަންނަނީ ފައިހަމަކުރަމުންނެވެ.

އޮލިމްޕަހޭ ކިޔައި ނަންދިނީ ކީއްވެގެންބާވައެވެ. އެނަން ޚާއްސަވީ ކީއްވެގެންބާވައެވެ. އޮލިމްޕަހަކީ ގަދީމީ ޔޫނާނާއި ގުޅިފައިވާ ނަމެކެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައިވާ ފަރުބަދަތަކަށްވެސް އެނަން ކިޔައެވެ. މާރސް ޕްލެނެޓްގައިވާ އެންމެ ބޮޑު އަލިފާން ފަރުބަދަޔަށްވެސް ކިޔަނީ އޮލިމްޕަހެވެ. ދުނިޔޭގެ ބައެއް ރަށްރަށާއި ވިޔަފާރިތަކަށްވެސް އޮލިމްޕަހޭ ކިޔައެވެ. އެކަމަކު މިޒަމާނުގައި އޮލިމްޕިކާއި އޮލިމްޕަސް ބޮޑަށް ގުޅުވާފައިވަނީ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެވެ. އެކަންވެސް ފެށިގެންއައީ ގަދީމީ ޔޫނާނުންނެވެ. އެއީ މިޒަމާނުގެ ގޮތަށް ކިޔާނަމަ ގްރީސްއެވެ. ގްރީކް ފޯކްލޯރުގައި އޮލިމްޕަހޭ ކިޔުނު މޫސީގާރުންގެ ވާހަކައެއް އާދެއެވެ. އެހެންވީމާ މާލޭގައި ބިނާކުރި މުނިފޫހިފިލުވުމުގެ އެންމެ ބޮޑު މަރުކަޒަށް ގްރީސްގެ ސަގާފަތުގެ ތެރެއިން ނަމެއް ގެނައީއެވެ. އޮލިމްޕަހަކީ އޭގެކުރިން ދިވެހިން ދަންނަ ނަމެއް ނޫނެވެ.

ބައެއް ލިޔުންތަކުން ފެނެއެވެ. އޮލިމްޕަހަކީ މާލޭގައި ގާއިމުކުރެވުނު އެންމެ ފުރަތަމަ ސިނަމާއެވެ. އެކަމަކު އެއީ ވަރަށް ބޮޑު އޮޅުމެކެވެ. އޮލިމްޕަހަށްވުރެ ކުރީގައިވެސް މާލޭގައި ސިނަމާއެއް ހުއްޓެވެ. އެއީ ފަރީދީ ސިނަމާއެވެ. އެތަންހުރީ މިހާރު މުލިއާގޭ ވެހިކަލް ގަރާޖު އެހެރަތާގައެވެ. ފަރީދީ ސިނަމާގެ ނަން ނިސްބަތްކުރެވިފައިވަނީ އޭރު ދިވެހިރަސްކަމުގެ ތަޚުތު ހޫނުކުރާން އިންނެވި މުހައްމަދު ފަރީދަށެވެ.

ދެކުނު އޭޝިއާގެ ނިސްބަތުންވެސް ޒަމާނީ ބޮޑު ސިނަމާއެއް މާލޭގައި ގާއިމުކުރުމުގެ ވިސްނުމާއި ޚިޔާލު އުފަންވެގެން އައީ މާލޭގެ ކަމުވޮށިގެންވާ ޒުވާނުން ފަރީދީ ސިނަމާގައި ފިލްމު ބަލަން ޖަމާވެތިބެގެން އެތަނުގެ ތެރެއިންނެވެ. މި ސިނަމާއަކީ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގަން ޒުވާނުން އުފެއްދި ކުންފުންޏެއްކަމަށްވާ ސިނަމާ ކުންފުނީގެ ތަނެކެވެ. އެތަނުގައި ތިބެގެން އެމީހުން ބުނެއެވެ. މިއަށްވުރެ ހައިބަތުހުރި ބޮޑު ބައިސިކޯފު ގެއެއް މާލޭގައި އަޅާން އެބަޖެހެއެވެ. އާ ބައިސިކޯފުގެ ވާންޖެހޭނީ ރާއްޖޭގައި މިހާތަނަށް ހެދިފައިނެތްވަރުގެ ބިޔަ ފައްކާ ރީތި އިމާރާތަކަށެވެ. އެންމެހައި ދިވެހިންވެސް ފަޚުރުވެރިވާވަރުގެ ތަނަކަށެވެ.

މި ޚިޔާލެއް އުފެދިގެން އައީ މާލޭގައި އޭރު ތިބި އެންމެ ނުފޫޒުގަދަ ކަންކަން ކުރުމުގެ ކެރުމާއި ހިތްވަރުހުރި ޒުވާނުންގެ ތެރޭގައި ކަމުން އިސާހިތަކު އަމަލީ ސިފަގެނައުމުގެ މަސައްކަތްވެސް ފެށިއްޖެއެވެ. އަހަރަކީ 1957 ވަނަ އަހަރެވެ. ބޮޑުވަޒީރަކަށް ހުންނެވީ އެއްގަމުގޭ އިބްރާހިމް ފާމުދޭރިކިލެގެފާނެވެ. ސަރުކާރުން ޚަރަދުކުރާގޮތަށް މި ބައިސިކޯފުގެ އަޅަން ނިންމީ މަޖީދީމަގަށްވާގޮތަށް އޮންނަ ބިޔަ ގޯއްޗެއްގައެވެ. އެދުވަސްވަރު އާގަރާ ގޯއްޗޭ ކިޔުނު ފަޅު ގޯއްޗެއް މަޖީދީމަގުގައި އޮވެއެވެ. އެތާގައި ހުންނަނީ ގޯނބިލިގަހާއި ވިނައެވެ. އާ ބައިސިކޯފްގެ އަޅަން ނިންމީ އާގަރާ ގޯތީގައެވެ. އޭރު ބައެއްމީހުން ކިޔައެވެ. އިންޑިޔާގެ އާގަރާގައި ޝާހުޖަހާން ބިނާކުރެއްވި ތާޖުމަހަލް ފަދައިން މާލޭގެ އާގަރާ ގޯތީގައި ސިނަމާ ކުންފުނިން ބިނާކުރާ ބައިސިކޯފްގެވެސް މަޝްހޫރު ބިނާއަކަށް ވާނެއެވެ.

ސިނަމާ ކުންފުނިން ބޭނުންވާ ޒާތުގެ ބިޔަ ޒަމާނީ ބައިސިކޯފުގެއެއް ފަރުމާކޮށް އިމާރާތްކުރެވޭނޭ ތަޖުރިބާހުރި ބަޔަކު ރާއްޖޭގައި ނެތެވެ. އެހެންވީމާ މިޒަމާނުގައި މިކިޔާ ބައިނަލްއަގުވާމީ ބީލަމަކަށް ގޮސްގެން މި މަޝްރޫއު ހަވާލުކުރެވުނީ ސިލޯނުގެ ކުންފުންޏަކާއެވެ. ނަމަކީ އެޗްއެސް އާރޓިސަންސްއެވެ. އެއީ ސިލޯނުގައިވެސް މިޒާތުގެ ދެތިންތަނެއް އިމާރާތްކޮށް ކަމުގެ ތަޖުރިބާހޯދާފައިވާ ބަޔެކޭ ބުނެވެއެވެ. މަސައްކަތް ހަވާލުކުރުމާއެކު ކޮޅުނބުން މީހުންނާއި ތަކެތި ގެނެސްގެން 1957 ގެ މެދުތެރޭގައި މަސައްކަތުގެ އަމަލީބައި އެމީހުން ފަށައިގެންފިއެވެ.

މަސައްކަތަށް މާގިނަދުވަސްތަކެއް ނުވަނީސް މަޖުބޫރީ ހާލަތެއް މެދުވެރިވެގެން ބޮޑުވަޒީރުކަމުން އިބްރާހިމް ފާމުދޭރިކިލެގެފާނު އިސްތިއުފާ ދެއްވައިފިއެވެ. ދެން ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ ޒުވާނުން އެބޭފުޅަކަށް އެދިއެދި ތިބި ވެލާނާގޭ އިބްރާހިމް ނާސިރެވެ. މިކަމުގެ ސަބަބުންވެސް ބައިސިކޯފުގެ އެޅުމުގެ މަސައްކަތަށް ލިބުނީ އިތުރު ބާރެކެވެ. ހިތްވަރެކެވެ. އެހެނީ މި ޚިޔާލު އުފަންކުރުމާއި ހަގީގަތަކަށް ހެދުމުގައިވެސް އެންމެ އިސްދައުރެއް އަދާކުރެއްވި އެއްޒުވާނަކީ އިބްރާހިމް ނާސިރުކަމަށްވުމެވެ.

އަޅުގަޑު ގަބޫލުކުރާގޮތުން ފަރީދީ ސިނަމާގައި އުފަންވީ އާ ބައިސިކޯފުގެއެއް އެޅުމުގެ ޚިޔާލު އެކަންޏެއް ނޫނެވެ. ފާމުދޭރިކިލެގެފާނު ވެރިކަމުން ދުރުކޮށް އިބްރާހިމް ނާސިރު ވެރިކަމަށް ގެނައުމުގެ ޚިޔާލު އުފަންވީވެސް އެތަނުންނެވެ. ނުފޫޒުގަދަ ކެރޭ ޒުވާނުންތަކެއް އެއްތާކަށް ޖަމާވާން ފަށައިފިއްޔާ ދެން މިޒާތުގެ ކިތަންމެ ޚިޔާލެއް އުފަންވެގެން އަންނާނެތާއެވެ. ކޮންމެއަކަަސް ފާމުދޭރިކިލެގެފާނު ވެރިކަމުން އިސްތިއުފާ ދެއްވީ 11 ޑިސެމްބަރު 1957 ގައެވެ. ސަބަބެއްކަމަށްވީ އައްޑުއަތޮޅު ގަން އިނގިރޭސިންނަށް ސަތޭކަ އަހަރަށް ކުއްޔަށްދޭން އެކިލެގެފާނު ނިންމެވި ނިންމެވުމަކީ ދިވެހިން ބަލައިގަންނަ ނިންމެވުމެއްނޫންކަމަށް ރައްޔިތުންގެ މަޖިލީހަށް ފެނުމެވެ. އެއީ އެހެން ވާހަކައެކެވެ. އޮލިމްޕަސް ބިނާކުރުމުގެ ވާހަކައެއް ނޫނެވެ. އެހެންވީމާ ކުރުކޮށްލީއެވެ.

ނާސިރުގެ ބޮޑުވަޒީރުކަން ފެށުމާއެކު ބައިސިކޯފުގެ އެޅުމުގެ މަސައްކަތް ދިޔައީ ހަލުވި ވެގެންނެވެ. އޮތީ ހުޅުވިގެންވާ ބަޖެޓެކެވެ. އެއްޗަކަށް ކަމަކަށް އިންތިޒާރުކުރާކަށް ސަރުކާރުން ނުޖައްސައެވެ. އެހެންވީމާ ސިލޯނުގެ އާރޓިސަންސް ކުންފުނިންވެސް ނިކަން ފޯރީޔާއެކު ދޮޅުއަހަރުގެ ތެރޭގައި އިމާރާތް ނިންމައި ސަރުކާރާ ހަވާލުކޮށްފިއެވެ. ޚަރަދުވީ ކިހާވަރެއްކަން ދެނަހުރި މީހަކުނެތެވެ. އެނގޭ އެއްޗަކީ އަންދާޒާކުރި ވަރަށްވުރެ މާގިނައިންވެސް ޚަރަދުވިކަމެވެ. އޭސީސީއެއް އެހެން ސީސީއެއް އޭރު ނޯންނާތީ ހޯދައިބަލައި ހާމަކުރާނޭ ބަޔަކުވެސް ނެތެވެ. އޮންނަނީ ނާސިރު ވިދާޅުވީމާ ވިދާޅުވިކަމެއް ކުރުމެވެ.