ރޯދަމަސް ފެށުނުއިރު މާރުކޭޓުގައި އެންމެ އަގުބޮޑުކޮށް ވިއްކީ ކަނޑޫދޫ މިރުހެވެ. އެހެންނަމަވެސް މިހާރު ކަނޑޫދޫ މިރުހުގެ އަގު ވަނީ އަތްފޯރާފަށަށް ތިރިވެފަ އެވެ. އެހެންކަމުން މިހާރު މާރުކޭޓުގައި އެންމެ އަގުބޮޑުކޮށް ލިބެންހުރީ ކުރުނބާއެވެ. މާރުކެޓުގެ އެކި ގޮޅިތަކުގައި ކުރުނބާގެ އަގު ހުރީ އެކި އަގުތަކަށެވެ. ބައެއް ގޮޅިތަކުގައި 30 ރުފިޔާއަށް ކުރުނބާ ލިބެންހުރި ނަމަވެސް އެހެން ބައެއް ގޮޅިތަކުގައި ކުރުނބާ ލިބެންހުރީ 40 ރުފިޔާއަށެވެ.

ރޯދަމަސް ފެށުނު އިރު ދަތުރުވެރިންގެ މާރުކޭޓުން ކުރުނބާ ލިބެންހުރީ 20 ރުފިޔާއާއި 15 ރުފިޔާއާއި ދެމެދުގެ އަގުތަކުގައެވެ. މިހާރު ކުރުބާގެ އަގަށް މިވަނީ 20 ރުފިޔާގެ ބޮޑު ބަދަލެއް އައިސްފައެވެ.

މީގެއިތުރުން މާރުކޭޓުގައި ކުރުނބާ ވިއްކާ ގޮޅިތަކުގައި ކުރުނބާ ފެންފުޅި ވިއްކަނީ 100 ރުފިޔާއަށް ކުޑަފުޅިއެކެވެ. އެހެންނަމަވެސް ރޯދަމަސް ފެށުނުއިރު ކުރުނބާ ފުޅި ވިއްކީ 70 ރުފިޔާއަށެވެ. ކުރުނބާގެ ފެނާއި ހެވާ އެއްކޮށްގެން ފުޅީގައި ބަންދުކޮށްފައި ހުންނަނީ 5 ނުވަތަ 6 ކުރުނބާގެ ފެނާއި އެކުރުނބާތަކުގެ ހެވާ ބޭނުންކޮށްގެނެވެ. ރޯދަމަހުގެ ކުރިން މާރުކޭޓުގައި ކުރުނބާ ވިއްކާ ގޮޅިތަކުން ކުރުނބާ ފުޅިއެއް ވިއްކާފައިވަނީ 50 ރުފިޔާއަށް ކަން ފާހަގަކޮށްލެވެއެވެ.

މާރުކޭޓުގެ ގޮޅިއެއްގައި މަސައްކަތްކުރާ މީހަކު ބުނީ ބައެއް ފަރާތްތަކުން މަގުމަތީގައި ތިބެ ކުރުނބާ ވިއްކާތީ މާރުކޭޓަށް ކުރުނބާ ގަންނަން އަންނަ މީހުން ކުރިއަށްވުރެ މަދުވެފައިވާ ކަމަށެވެ. އަދި އެމީހުން ރަށްރަށުން ކުރުނބާ ގެނެސްގެން މީގެކުރިން ވިއްކީ މާރުކޭޓުގައި ކުރުނބާ ވިއްކާ އަގަށްވުރެ 2 ނުވަތަ 3 ރުފިޔާ އަގުހެޔޮކޮށް ކަމަށްވެސް އޭނާ ބުންޏެވެ.

މާރުކޭޓުގައި ވިޔަފާރިކުރާ އިތުރު މީހަކު ބުނީ ރަށްރަށުން ކުރުނބާ ގެންނަ ފަރާތްތަކުން މާރުކޭޓުގައި މިހާރު ކުރުނބާ ވިއްކަނީ ކުރިއަށް ވުރެ އަގުބޮޑުކޮށް ކަމަށެވެ. އެހެންކަމުން މާރުކޭޓުގެ ގޮޅިތަކުގައި އަގުބޮޑުކޮށް ވިއްކަނީ ކުރުނބާ ވިއްކައިގެން ފައިދާއެއް ނުލިބޭތީ ކަމަށް އޭނާ ބުންޏެވެ.

ވިޔަފާރިކުރާ އެހެން މީހަކު ބުނީ ރޯދަ މަހު ރަށްރަށުން މާލެއަށް ބޯޓުތައް އަންނާނީ މަދުން ކަމަށެވެ. އެހެންކަމުން މިހާރު ކުރުނބާ ލިބުން ވަރަށް ބޮޑަށް ދަތިވުމަކީ ވެސް ކުރުނބާ އަގު ބޮޑުވި ސަބަބެއްކަމަށް އޭނާ ބުންޏެވެ.

މާރުކޭޓުގެ ގޮޅިތަކުގައި ކުރުނބާ ވިއްކާ ފަރާތްތަކުން ބުނީ އެހެން ރޯދަމަސްތަކާ އަޅާބަލާއިރު މިއަހަރު ކުރުނބާ ވިއްކައިގެން ރަނގަޅު އާމްދަނީއެއް ނުލިބޭ ކަމަށެވެ. އަދި ކުރުނބާގެ ޑިމާންޑާއި އެއްވަރަށް ކުރުނބާ ނުލިބޭ ކަމަށްވެސް ބައެއް ވިޔަފާރިވެރިން ބުނެއެވެ.

އާންމުކޮށް ދަތުރުވެރިންގެ މާރުކޭޓުކައި ވިއްކަނީ އައްޑޫއިން ގެންނަ ކުރުނބާއާއި، ފުވައްމުލަކު އަދި ކާށިދޫން ގެންނަ ކުރުނބާއެވެ.